ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމަށް ބޭނުންވާ ސިޔާސަތުތައް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސް މި ސިޔާސަތުތައް ކަނޑައެޅުއްވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި ބޭސް ގަތުމަށް ’ބަލްކް ޕްރޮކިއުމަންޓް ނިޒާމު‘ ފުޅާކުރުމުގެ ގޮތުން އަސާސީ ބޭސް ގަނޑުކޮށް ގަތުމަށް ނިންމެވުން ހިމެނެއެވެ.
އަދި މި ނިޒާމުގެ ތެރެއިން، ސަރުކާރުން އަސާސީ ބޭސް މެދުނުކެނޑި ފޯރުކޮށްދިނުމަށް ހަވާލުކުރައްވާފައިވާ ކުންފުނިކަމުގައިވާ އެސް.ޓީ.އޯ އިން، ޞިއްޙީ ޚިދުމަތްދޭ ހުރިހާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކަކުންނާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤާއިމު ކޮށްފައިވާ ބޭސްފިހާރަތަކުން މި ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށްވެސް ނިންމެވިއެވެ.
އަދި މި ނިޒާމަށް ބޭނުންވާ، ކަނޑައެޅިފައިވާ މިންގަޑުތަކަށް ފެތޭ ބޭސް ރައްކާކުރާ ގުދަންތައް ޤާއިމުކުރުމާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މި ގުދަންތައް ސެންޓްރަލީ މޮނިޓަރ ކުރާނެ ނިޒާމެއް ޤާއިމު ކުރުމަށްވެސް މިއަދު ނިންމެވިއެވެ.
އަދި ބޭހެއް އުފެއްދުމަށް ބޭނުންކޮށްފައިވާ އެކިއެކި މާއްދާތަކުގެ މިންވަރު (ކުއަންޓިޓީ) ދެނެގަތުމަށް ކުރަންޖެހޭ ތަހުލީލުތައް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި ބޭހުގެ ފެންވަރު ކަށަވަރުކޮށް އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި ގާބިލުކަން އިތުރުކޮށް، އިންސާނީ ވަސީލަތް އިތުރުކޮށް ތަރައްޤީކުރުމަށްވެސް ވަޒީރުންގެ މަޖީލިހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވެއެވެ.