މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރު 12:15 ހާއިރު، ފަހަތުން އައިސް އޯވަޓޭކް ކުރި ޓެކްސީއެއްގައި ޖެހި މާލެ ސިޓީ ކައުންސިލް(އެމްސީސީ) ގެ ތަރުޖަމާނު އަދި ނޫސްވެރިޔާ މަރިޔަމް ޝިއުނާ (ނަންނަ) ދުއްވަމުން ދިޔަ ސައިކަލު އެކްސިޑެންޓުވި މައްސަލަ ބެލުމުގައި ފުލުހުން ޒިންމާދާރު ވުމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

Ads by Asuru

މޭޔަރު މިކަމަށް ގޮވާލެއްވީ އެކްސިޑެންޓާ ގުޅިގެން ޝިއުނާ ކުރައްވާފައިވާ ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ.

ޝިއުނާ ވިދާޅުވެފައިވަނީ އޭނާއަށް އެކްސިޑެންޓުގެ ސަބަބުން ލިބުނީ ކިހާވަރެއްގެ ގެއްލުމެއްތޯ، ދުއްވަން އިން މީހާވެސް، އަދި ފުލުހުންވެސް ބަލާފައި ނުވާ ކަމަށެވެ.

”އަޅުގަނޑު ރޯޔަލް އަކަށް ނުވީމަތޯ؟“

ޝިއުނާގެ ޓްވީޓް، ރީޓްވީޓް ކުރައްވައި މުއިއްޒު ވިދާޅުވީ އެމްސީސީގެ މީޑިއާ އެގްޒެކެޓިވް، ވަރަށް ބޮޑަށް އަނިޔާވި ހާދިސާ ބަލައިދިނުމަށާއި، އިންސާފު ހޯދައިދިނުމުގައި ޒިންމާދާރު ވެލުމަށް ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

”ނަންނައަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި.“

މި އެކްސިޑެންޓާ ގުޅޭގޮތުން، މަންޒަރު ދުށް މީހަކު، އޮންލައިން ނޫހަކަށް ކިޔައިދިން ގޮތުގައި، ހާދިސާ ހިނގުމާއެކު، ފުލުހަކު އެ ސަރަހައްދަށް ގޮސް ވަގުތުން ޓެކްސީ އެތަނުން ފޮނުވާލާފައިވާ ކަމަށެވެ.

އަދި އެކްސިޑެންޓުގައި ކާރުގެ ފަހަތަށް ލިބުނު ގެއްލުމުގެ ޝަކުވާ ކޮށްފައިވާކަންވެސް އެނގެން ނެތް ކަމަށާއި، ޝިއުނާ އަށާއި ސައިކަލަށް ލިބިފައިވަނީ ކިހާވަރެއްގެ ގެލުމެއްތޯވެސް ފުލުހުން ބަލާފައި ނުވާ ކަމަށެވެ.