ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަސް ވެގެންދާނީ، ދިވެހި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހުރިހާ ގޭބިސީތަކަށް، ފުރަތަމަ ފަހަރަށް ރޯދަ ހަދިޔާ ދޭ ރަމަޟާންމަހަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީީސް މިހެން ވިދާޅުވީ، މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވަވައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ރިޔާސީ ބަޔާނުގައި ރައީީސް މިކަން ފާހަގަކުރެއްވިއިރު، ރޯދަ މަހު ސަރުކާރުން ކޮންމެ ގޭބީސީއަކަށް ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ދޭނެ ކަމަށް މި މަހުގެ 13 ވަނަ ދުވަހު ރައީސް ވިދާޅުވެފައިވެއެވެ.

ރައީީސްގެ ވާހަކަފުޅުގައި، އަހަރުގެ ތެރޭގައި އަންނަ އަޅުކަމުގެ އެންމެ ބަރަކާތްތެރި އެއް ފޯވަހިކަމުގައިވާ ރަމަޟާންމަހުގެ ފަހު ދިހައެއް، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި، އަދި ހެޔޮ ޢަމަލުތަކަށް ދައުލަތުން ބާރުއަޅާ ދުވަސްތަކެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ވޭތު ކުރާނެކަން ފާހަގަކުރެއްވިއެވެ.

”އެއަށްފަހު އަންނަ ފިޠުރު ޢީދާ، އަދި މިނޫން އިސްލާމީ މުނާސަބާތަކާ ޤައުމީ މުނާސަބާތައްވެސް ދީނީ އަދި ޤައުމީ ފުރިހަމަ ރޫޙާ އުފާފާގަތިކަމާ އެއްބައިވަންތަކަމާއެކު ސަރުކާރުން އިސްނަގައިގެން އިރާދަކުރެއްވިއްޔާ ފާހަގަކުރާނަން.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީީސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އިސްލާމީ ވަޙްދަތު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިސްލާމީ ޓީވީ ޗެނަލެއް އުފެއްދުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އަދި ދުނިޔޭގެ ބަދަލުވަމުން މިދާ އޮއިވަރުގައި ދިވެހި ޅަ ޒުވާން ސިކުނޑިތައް ޖެހި، ދިވެހިވަންތަކަމާ ދިވެހި ޤައުމިއްޔަތާ ފެޔަށް ޖެހުނަ ނުދިނުމަށްޓަކައި، ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކޮށް، ދިވެހީންގެ ޤައުމީ ތަރިކަ ސަލާމަތްކުރުމަށް، އެކަމަށްޓަކައި ޚާއްޞަ ވުޒާރާއެއް އުފައްދައި، ބޮޑެތި މަސައްކަތްތަކެއް ވަނީ ފަށާފައި ކަމަށް ވެސް ވިދާޅުވިއެވެ.

”މިގޮތުން ދިވެހި ޤައުމިއްޔަތު ޢިއާދަކުރުމުގެ ޤައުމީ ނިޒާމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި.“

ރައީީސް ވިދާޅުވީ ދިވެހި ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒު މިހާރު ވަނީ ގާއިމުކުރެވިފައި ކަމަށާއި، މި މަރުކަޒުގެ މައިގަނޑު ބޭނުމަކީ ދިވެހިންގެ އަސްލުވަންތަކަމާ ގުޅޭ ބަހާތައް ދިރާސާކޮށް ކަމާބެހޭ ޢިލްމީ އޮނިގަނޑުތަކުގެ އަލީގައި ދިވެހިވަންތަކަމާ އެއްގޮތަށް ޕެޓަރން ކުރުން ކުރުން ކަމަށެވެ.