އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ، އެއްޖިންސުން ގުޅުން ހިންގުމަށް އޮތް ހުރަސް ނައްތާލުމަށް ކަމަށް ސަލަފު ޖަމުއިއްޔާގެ ރައީސް އައްޝެއިހު އަބްދުﷲ ބިން މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޝެއިހު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން އޭނާގެ ދިފާއުގައި ނަޝީދު ނުކުންނެވުމުންނެވެ.

ނާޒިމް ހައްޔަރު ކޮށްފައިވަނީ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ލީކުވި މައްސަލައިގައެވެ.

ނާޒިމް ހައްޔަރުކުރުމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެމަނިކުފާނުގެ ކޮއްކޮ ހައްޔަރުކުރީ ވަކިން ޚާއްސަ ތުހުމަތެއްގެ ދަށުން، ގާނޫނީ އިޖުރާއަތުތަކާ ޚިލާފަށް ކަމަށެވެ.

އެ ޓްވީޓާ ގުޅިގެން ޝައިޚް ޢަބްދުﷲ ވިދާޅުވީ އެމަނިކުފާނުގެ އެމެސެޖަކީ އެއްޖިންސުން ގުޅުންހިންގުން ފަދަ މުޑުދާރު ފާޙިޝް ކަންތައްތަކަށް ރާއްޖޭގައި މިވަގުތު އޮތް ޤާނޫނީ ހުރަސް ނައްތާލުމަށްޓަކައި ބޭރުގެ އެހީތެރިންގެ ޕްރެޝަރު ހޯދައިގަތުން ކަމަށެވެ.

ޝެއިޚް ވިދާޅުވީ އެ މެސެޖަކީ އާދައިގެ މެސެޖެއްގެ ގޮތުގައި ދެކުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގި ކޮއްކޮ ދިފާއު ކުރަމުން އަންނާތީ، ރައީސް ނަޝީދަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.