އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޖާބިރު އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުރެ، މުޖުތަމަޢުގެ އާންމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް، މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް ޢަމަލުކުރައްވަމުންދާ ކަމަށެވެ.
އެ ކަމަކީ އެމްޑީޕީ އާއި އެ ޕާޓީގެ އާންމު މެންބަރުންގެ މަސްލަހަތަށް އުނިކަންލިބޭ ފަދަ ޢަމަލެއް ކަމަށްވާތީ އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީން އެ މައްސަލަ ބެލި ކަމަށް އެ ޕާޓީން ބުންޏެވެ.
އެ ކޮމިޓީން ނިންމާފައިވަނީ، އެ ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ޖާބިރަށް ނުދިނުމަށެވެ. އަދި މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން އޭނާ ވަކިކުރުމަށް ކަމަށް އެމްޑީޕީން ބުންޏެވެ.
މީގެ އިތުރުން ޖާބިރު އެ ޕާޓީއާ އަލުން ގުޅުމަށް އެދުނުކަމުގައިވީ ނަމަވެސް އެފުރުޞަތު ލިބޭނީ އެ ޕާޓީގެ ޤައުމީ މަޖިލީހަށް އެކަން ހުށަހަޅައި އެމަޖިލިހުން ނިންމާ ގޮތެއްގެ މަތިން ކަމަށް ބަޔާނުގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ޖާބިރު އިންތިޚާބުވީ އަމިއްލަ ގޮތުގައި ވާދަކުރައްވައިގެންނެވެ.