މި ސަރުކާރުގެ ފާއިތުވި ދެ މަސް ދުވަސް ތެރޭގައި، ހިލޭ އެހީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މުޢިއްޒު މިގޮތަށް ވިދާޅުވީ، ތ.އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު މަޑިފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ލުއި ލޯނުގެ ގޮތުގައި ވެސް، ފައިސާ ލިބޭނެ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އިޤުތިޞާދު އޮތް ޙާލަތާއިއެކުގައި އިތުރު އާމްދަނީ ހޯދަމުން، ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެވޭނެ ގޮތްތައް ސަރުކާރުން ހޯދައިދޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ހުއްޓިފައި ހުރި މަޝްރޫޢުތަކާއިއެކުގައި ވެސް މަޑިފުއްޓަށް ބޭނުންވާ ހުރިހާ ކަމެއް ވެސް ސަރުކާރުން ކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާ ކަމަށާއި، އެހެންނަމަވެސް ކަންކަން ކުރާއިރު އެންމެ އިސްކަން ދޭން ޖެހޭނެ ތަރުތީބެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ.

”ދަތިވާ ހުރިހާ ކަމެއް އަޅުގަނޑު އިރާދަކުރެއްވިއްޔާ، އަދި މުހިންމު ހުރިހާ މަސައްކަތެއް ކުރާނަން. އެ ޔަޤީންކަން އަޅުގަނޑު ދެން، އަނެއްކާވެސް.“

ރައީީސް ވިދާޅުވީ ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާގެ ތެރެއިން ވަކި ވަކި ފަރުދުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ވެސް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.

އެކަންކަން ކުރެވޭނީ ލާމަރުކަޒީ ނިޒާމަށް ފުރިހަމަ ބާރުވެރިކަން ދީގެން ކަމަށާއި، ސަރުކާރުގެ ފަލްސަފާ އަކީ އެއީ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.