...
Advertisement
ސަރުކާރުގެ މާލީ ސިޔާސަތުތަކަށް އައިއެމްއެފް އިން ތަޢުރީފު ކޮށްފި
07 ފެބްރުއަރީ 2024

ރާއްޖޭގެ ހަރުދަނާ މާލީ ސިޔާސަތުތަކަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް(އައިއެމްއެފް) އިން ތަޢުރީފު ކޮށްފިއެވެ.

Ads by Asuru

އައިއެމްއެފް އިން ސަރުކާރުގެ ”ރިފޯމް އެޖެންޑާ“ އަށް ތަޢުރީފު ކޮށްފައި ވަނީ 2024 ގެ އާޓިކަލް 4 ގެ ދަށުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި، ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތުތަކާއި، އަދި އަންނަ އަހަރަށް އިޤްތިޞާދު ކުރިއަރާނެ މިންވަރު ލަފާކޮށް މަޝްވަރާތައް ކުރުމަށްޓަކައި މިދިޔަ މަހުގެ 23 އިން މި މަހުގެ 6 އަކަށް އައިއެމްއެފްގެ ޓީމެއް ރާއްޖެއަށް ކުރި ދަތުރަށް ފަހު އާންމު ކޮށްފައިވާ ރިޕޯޓެއްގައެވެ.

ދިވެހިރާއްޖޭގެ އިގްތިސާދު ވަނީ ކޮވިޑްގެ އާލަމީ ވަބާއަށް ފަހު ވަރުގަދަ ކޮށް ކުރިއަރަމުން އައިސް އެއަށްފަހު މިފަހުން ނޯމަލައިޒް ކުރެވިފައި ކަމަށް އެ ރިޕޯޓުގައި ފާހަގަކުރިއެވެ.

މި އަހަރު ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާނެ ކަމަށް ލަފާ ކުރެވޭއިރު، 2024 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 5.2 އިންސައްތަ އަށް ކުރިއަރާނެ ކަމަށް އައިއެމްއެފް އިން ލަފާ ކޮށްފައިވެއެވެ.

ނަމަވެސް ރާއްޖޭގެ އިޤްތިޞާދު  އަދިވެސް އޮތީ ނާޒުކު ފައްތަރެއްގައިކަން ފާހަގަކޮށް މި ޙާލަތުން އަރައިގަންނަން ހަރުދަނާ މާލީ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އެ ރިޕޯޓްގައި ވަނީ ބުނެފައެވެ.

އެގޮތުން ރައްޔިތުންނަށް ދެވޭ ޚިދުމަތް ތަކުގެ އަގު ކުޑަކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، ދަރަނި މެނޭޖުކުރާނެ ހަރުދަނާ ސިޔާސަތުތަކެއް ވަރަށް އަވަހަށް ދިވެހިރާއްޖޭގެ ސަރުކާރުން އެކުލަވާލައި ތަންފީޒުކުރަން ޖެހޭ ކަމަށް ވެސް އެ ފަންޑުގެ ރިޕޯޓްގައި ވަނީ ބުނެފައެވެ.

އެގޮތުން ދަރަނި މެނޭޖްކުރުމާއި ސަރުކާރުގެ ޚަރަދުތައް ކުޑަ ކުރުމުގައި ދިވެހިރާއްޖޭގެ ސަރުކާރުގެ ޒިންމާވާ އިދާރާތަކުން މިހާރު ގެންގުޅުއްވާ މާލީ ސިޔާސަތުތަކަކީ މިކަމަށް އެންމެ އެކަށޭނަ ސިޔާސަތުތަކެއް ކަމަށް ބުނެ، ސަރުކާރުގެ ފަރާތުން އަޅަމުންދާ ހަރުދަނާ މާލީ ފިޔަވަޅުތަކަށް އައިއެމްއެފް އިން ވަނީ ތަޢުރީފު ކޮށްފައެވެ.

އަދި އެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ވެސް އައިއެމް އިން ވަނީ މަރުޙަބާ ކިޔާފައެވެ.

އޭގެ އިތުރުން ދިވެހިރާއްޖެ އަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ އަސަރުވެސް އިންތިހާއަށް ކުރާނެ ޤައުމެއް ކަމާއި، އެ ބަދަލުތަކުގެ ސަބަބުންނާއި ގުދުރަތީ ކާރިސާތަކުގެ ސަބަބުންވެސް އެތައް ޚަރަދުތަކެއް ކުރަން ޖެހޭނެ ކަން އައިއެމްއެފް އިން ވަނީ ފާހަގަ ކޮށްފައެވެ.

އެހެންކަމުން ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާ އިދާރާތައް ވަރުގަދަ ކޮށް ހަރުދަނާ ކުރުމަކީ ތިމާވެއްޓާއި ގުޅޭ ކަންކަމުގައި އިތުރު މާލީ އެހީތެރިކަން ހޯދަން ފަސޭހަ ވާނެ ކަމެއް ކަމަށް އެ ފަންޑުން ބުނެއެވެ.

Ads by ooredoo maldives