މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީއަށް ތ.އަތޮޅުން ހަތަރު ގަނޑި ކާމިޔާބު ކޮށްދެއްވާނެ ކަމަށް ތިމަރަފުށި ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ތ.ކިނބިދޫގައި ބޭއްވި ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުން އެ ދާއިރާގެ ކުރީގެ މެމްބަރު، ރިޔާޒު ވިދާޅުވީ ރައީސް މުޢިއްޒުގެ ރާޑަރުގައި ކޮޅުމަޑުލު ބަހައްޓައިގެން، އެ އަތޮޅަށް އިޤްތިޞާދީ ގޮތުން ތަރައްޤީ ގެނެވޭނެ ގޮތްތަކާއި މެދުގައި ވިސްނާލަން ޖެހޭ ކަމަށެވެ.

”އަޅުގަނޑުމެން ވިސްނާލަން ޖެހޭ، ކީއްވެތޯ އެއްވެސް ހިސާބަކުން އަޅުގަނޑުމެން ރާޑަރަށް ނާރާ މި ތިބީ. ކޮޅުމަޑުލު.“ ރިޔާޒު ވިދާޅުވިއެވެ.

މިހެން ދިމާވާ ސަބަބެއް ކަމުގައި ރިޔާޒު ދެކެވަޑައިގަންނަވަނީ އެ އަތޮޅުގެ ރައްޔިތުންގެ މެދުގައި އޮންނަ ސި ވާދަވެރިކަމެކެވެ. އެ ވާދަވެރިކަން މި ފަހަރު އެއް ފަރާތްކޮށް، އަތޮޅަށް އިޤްތިޞާދީ ކުރިއެރުން ގެނެވޭނެ ގޮތަކަށް މަސައްކަތް ކުރަން އޭނާ ގޮވާލެއްވިއެވެ. އެއީ ރައީސް މުޢިއްޒުގެ ފަހަތްޕުޅަށް އެރުން ކަމަށް ރިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޮޑެތި ޤާނޫނީ ބަދަލުތަކާއިއެކުގައި ސަރުކާރަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެނެވޭނީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ތާއީދު ލިބިގެން ކަމަށެވެ.

”އެ މެޖޯރިޓީ ހޯދަން އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ. އަޅުގަނޑު ރައީސްއަށް ޔަޤީންކަން އަރުވަން މާތްﷲގެ ވާގިފުޅާއިއެކު، އަދި އަތޮޅުގެ ރައްޔިތުންގެ ތާއީދާއިއެކު، އަޅުގަނޑުމެން ކޮޅުމަޑުލު ހަތަރުގޮނޑި، އިއްޒަތްތެރި ރައީީސްއަށް އަރުވާނަން.“

އޭނާ އިތުރަށް ވިދާޅުވީ ރައީސް މުޢިއްޒުގެ އިޤްތިޞާދީ އެޖެންޑާއަށް ކޮޅުމަޑުލުން އެންމެ ފުރިހަމަ ކާމިޔާބީއެއް ހޯދައިދޭނެ ކަމަށެވެ.

ެ

 

 

 

ަ