ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަކީ ތަރައްޤީ ގެނައުމުގައި އެއްވެސް ރަށެއް ތަފާތު ކުރައްވާނެ ވެރިއެއް ނޫން ކަމަށް ރައީސް އޮފީހުގެ އެސިސްޓެންޓް އަންޑަރ ސެކްރެޓަރީ އިބްރާހީމް އަބާން ޢަބްދުއްލަޠީފު ވިދާޅުވެއްޖެއެވެ.

Ads by Asuru

ކޮޅުމަޑުލުގެ ރަށްތަކަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ތ.ގާދިއްފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އަބާން ވިދާޅުވި ގޮތުގައި، ރައީސް ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ކުރެއްވި ފުރަތަމަ ދަތުރުފުޅުގެ ތެރެއިން، ގާދިއްފުށި ފަދަ ކުޑަ ރަށަކަށް ކުރެއްވުމުން އެމަނިކުފާނު ކުދި ރަށްރަށަށް ދެއްވާ އަހައްމިއްޔަތު ހާމަވާ ކަމަށެވެ.

ރައީސް މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށް ވެސް އޭނާ ތަޢުރީފު ކުރެއްވިއެވެ. އެމަނިކުފާނުގެ އިޤްތިޞާދީ ސިޔާސަތުތަކަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް(އައިއެމްއެފް)އިން ވެސް ތަޢުރީފުކޮށް، އެ ސިޔާސަތުތަކާއިއެކުގައި ކުރިއަށްދާން ލަފާ ދިންކަން އަބާން ފާހަގަކުރެއްވިއެވެ.

”މިކަމުން ވެސް އަޅުގަނޑުމެންނަށް ހާމަވެގެންދަނީ، ރައީސް އަކީ ދުރުވިސްނޭ، ވިޝަނަރީ ލީޑަރެއްކަން.“ އޭނާ ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ޒުވާނުންގެ ކުރިއެރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރައްވައި އަބާން ވިދާޅުވީ ޒުވާނުން ހިމެނޭ ބޯޑެއް އެކުލަވައިލުމުގެ މަސައްކަތް އެމަނިކުފާނު ކުރައްވަމުން އަންނައިރު، ޒުވާން ކުދިން އެދޭ ފަދައިން އީ-ސްޕޯޓްސް ކުޅެވޭނެ ޕްލެޓްފޯމެއް ވެސް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.