ރ. އުނގޫފާރުގެ ބިން މިހާރު ހިއްކުމަށް ހަމަޖެހިފައިވާ މިންވަރަށްވުރެ ބޮޑުކޮށް، އިތުރު ތިން ހެކްޓަރަށް ހިއްކައިދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މުޢިއްޒާ ސުވާލުކުރެވޭ ގޮތަށް ކުރިއަށްގެންދާ ”ރައީސްގެ ޖަވާބު“ގައި، ބައިވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ވަޢުދެއް ވެވަޑައިގެންފައިވާނަމަ، އެ ވަޢުދެއް ވެވަޑައިގެންނެވި ގޮތަށް ފުއްދަވާނެ ކަމަށެވެ.

”އަޅުގަނޑު ވަޢުދުވިން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކައިދޭނެ ކަމަށް. މިހާރު ސްކޯޕްގައި އޮތް ވަރަށް އަދި އިތުރު ތިން ހެކްޓަރު އިތުރުކޮށްގެން ހިއްކީމާ ޝިޔާމް ފާހަގަކުރެއްވި ގޮތަށް ރަށު ރައްޔިތުން ކަންބޮޑުވާ މައްސަލައިގައި ތިން ހެކްޓަރު އިތުރު ވީމާ، ފަޅު ތެރެއިން ހިއްކެން އޮތް އެންމެ ބޮޑަކަށް އެބަ ހިއްކޭ،“ ރައީސް ވިދާޅުވިއެވެ.

އުނގޫފާރުގެ ބިން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކައިދޭނެ ކަމަށް ރައީސް މުޢިއްޒު ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރެއިން އެ ރަށަށް ވަޑައިގެން ވައުދުވެވަޑައިގެންފައެވެ.

ކުރީ ސަރުކާރުން ވަނީ 2021 ވަނަ އަހަރު އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ޙަވާލުކޮށްފައެވެ. އެމްޓީސީސީއާ ހަވާލުކުރީ 10 ހެކްޓަރުގެ ބިން ހިއްކުމަށެވެ.