ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިންނަށް 422 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Asuru
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމުނު ފަހުން މިފްކޯއިން މަސް ގަންނަ އަގު 17 ރުފިޔާ އިން 25 ރުފިޔާއަށް ބޮޑުކުރީ މަސްވެރިންނަށް ހެޔޮއެދިގެން ނޫންކަމަށެވެ. އަދި އެއީ ސިޔާސީ ބޭނުމަކަށް ކުރި ކަމެއް ކަމަށް ވިދާޅުވިއެވެ.

މިސަރުކާރު ވެރިކަމަށް އައި ފަހުން 422 މިލިއަން ރުފިޔާ މަސްވެރިންނަށް ދެއްވާފައިވާ ކަމަށާއި، އެ 422 މިލިއަން ރުފިޔާގެ ތެރޭގައި މަސްވެރިންނަށް ކްރެޑިޓަށް ދޫކުރެވިފައިވާ މަސް ފިނި ކުރާ އައިސް އަދި ތެޔޮ ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މިހާތަނަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ އަދަދަކީ 270 މިލިއަން ކަމަށްވެސް މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވިއެވެ.

އެއްވެސް ވަރަކަށް ބެލުމެއްނެތި އަގަށް ގެނައި ބަދަލުގެ ސަބަބުން ދައުލަތުން ސަބްސިޑީޒްގެ ގޮތުގައި ގާތްގަނޑަކަށް 500 މިލިޔަން ރުފިޔާ ދައްކަން ޖެހުނުކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ސިޔާސީ މަޤުޞަދެއްގައި މަސް ގަންނަ އަގު ކުއްލި ގޮތަކަށް ބޮޑުކުރުމާއެކު، މިފްކޯއަށް ކުރިއްސުރެ ވަމުންދިޔަ ގެއްލުން އިތުރަށް ބޮޑުވެގެންދިޔަ ކަމަށެވެ.

މަސްވެރިންނަށް ދިމާވާ ދަތިތައް ޙައްލު ކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މަސްވެރިންނާ ހަވާލުކޮށް، އެކަން ހަމަޖައްސަވާނެކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.