ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުގެ ލިމިޓަށް ހެޔޮ ބަދަލެއް ގެންނަން މަސައްކަތް ކުރަމުންދާކަން ހާމަކޮށް، ބީއެމްއެލުން ދޫކުރާ ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރު ކުޑަ ކުރަން ނިންމަން އުޅޭ ކަމަށް ބުނެ، ރާއްޖޭގެ ބައެއް މީޑިއާތަކުން ދޮގު ޚަބަރު ފަތުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

Ads by Asuru

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އިޤްތިޞާދީ މިފަދަ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާނެ ފަދަ މޭރުމަކުން ޚަބަރު ނުފެތުރުމަށާއި ޒިންމާދާރުކަމާއެކު މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަށް މީޑިއާތަކަށް ގޮވާލާފައެވެ.

ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަ ކުރުމަށް އެއްވެސް ނިންމުމެއް ބީއެމްއެލް އިން އަދި ނިންމާފައި ނުވާކަމުގެ ޔަޤީންކަން ބޭންކުން ދިން ކަމަށް ވެސް ފިނޭންސުގެ ބަޔާނުގައި ބުންޏެެވެ.

ޤައުމުގެ އިޤްތިޞާދީ އަދި މާލީ ޙާލަތަަށް ބަލައި، ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތައް ގެނައުމަށް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ފިނޭންސްގެ ބަޔާނުގައި ވަނީ ސަރުކާރުން ވެރިކަމާ ޙަވާލުވީއިރު، ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަނެ، ޤައުމުގެ އިޤްތިޞާދީ ޙާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް މި ސަރުކާރުން ގެނެސްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.