ނަފްސާނީ ސިއްޙަތުގެ ބިލާއި ޞިއްޙީ ޚިދުމަތުގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ހިމެނޭހެން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް 24 ބިލެއް ހުށަހަޅައިފިއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެއްޓެވުމުގެ ކުރިން، މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ ސަރުކާރުން މަޖިލީހަށް 24 ބިލެއް އިއްޔެ ހުށަހަޅުއްވާފައިވާކަން ހާމަކުރައްވައިފައެވެ.

މިގޮތުން ސަރުކާރުން ހުށަހެޅި ބިލުތަކުގެ ތެރޭގައި މިހާރު ހިނގަމުންދާ 12 ޤާނޫނަކަށް އިސްލާޙު ހުށަހަޅުއްވާފައިވެއެވެ.

ސަރުކާރުން ހުށަހެޅި ބިލުތަކުގެ ތެރެއިން، އަލަށް ތަޢާރަފު ކުރާ ބިލުތަކަކީ ބިމުގެ ބިލާއި، ބޯހިޔާވަހިކަމުގެ ބިލާއި، ރިއަލް އެސްޓޭޓު ވިޔަފާރީގެ ބިލާއި، އާބަން ޑިވެލޮޕްމެންޓާއި ޕްލޭނިންގެ ބިލާއި، ނަފްސާނީ ޞިއްޙަތުގެ ބިލާއި، ދަތުރު ރާވާ ހިންގުމާ ބެހޭ ޚިދުމަތުގެ ބިލާއި، ސޮވަރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލާއި، ފޮރިން އިންވެސްޓްމެންޓުގެ ބިލާއި، ޑިޕްލޮމަޓިކް އިމްތިޔާޒުގެ ބިލާއި، ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލާއި، ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލާއި، މީޑިއާ ކޮމިޝަނުގެ ބިލު ހިމެނެއެވެ.

އަދި ބައެއް ޤާނޫނުތައް އިސްލާޙުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާޙުތަކަކީ، ޞިއްޙީ ޚިދުމަތުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީސްގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ވަޒީފާ އާ ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތައް ދިނުމާ ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލެވެ.