ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމީ ޤާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

Ads by Asuru

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކުރާ އަދަދަށް އެމްއާރުއެމްގައި މެންބަރުން ހަމަނުވާތީ އީސީން އެ ޕާޓީ އުވާލާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހުގައެވެ. އީސީން އެ ޕާޓީ އުވާލީ ދެ ފަހަރެއްގެ މަތިން މެންބަރުންގެ އަދަދު ހަމަކުރުމަށް ފުރުސަތު ދިނުމަށްފަހުއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރި ވެވޭނީ 3،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

އެ މައްސަލަ އެ ޕާޓީގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ހުށަހެޅުމުން، އެ މައްސަލައިގައި ގާޒީ މުހައްމަދު އީސާފުޅު އިއްޔެ ކުރެއްވި ޙުކުމްގައި ވަނީ އެމްއާރުއެމުން 3،000 މެންބަރުން ހަމަ ކުރުމުގެ މަސައްކަތް ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އީސީން ދީފައިވާ ނޯޓިހަށް ކަމަށާއި އޭރު، މެންބަރުން ތިބި އަދަދަކީ 2981 ކަމަށެވެ. ނަމަވެސް މެންބަރުންގެ އަދަދަށް ބަދަލު އައިސްފައިވާ ކަން އީސީން ފަހުން އަންގާފައި ނުވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ކޮންމެ މަހަކު އެއްފަހަރު މެންބަރުންގެ އަދަދު ކަށަވަރުކޮށް، ޕާޓީތަކަށް ނޯޓިސް ދޭން ޖެހޭ ކަމަށާއި ނަމަވެސް އީސީން އެގޮތަށް ޢަމަލުކޮށްފައި ނުވާ ކަމަށް ހުކުމުގައިވެއެވެ.