ޑިމޮކްރެޓްސްގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާއަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު (ޝިއްޕެ) ވާދަކުރައްވަން ނިންމަވައިފިއެވެ.

Ads by Asuru
ޝިފާޒު ވަނީ އޭނާއަށް ދަ ޑިމޮކްރެޓްސްގެ މަޖިލިސް ޓިކެޓު ކަށަވަރުވެ، ފޯމު ވެސް ހުށަހަޅުއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ޝިފާޒް ވަނީ 17 ވަނަ މަޖިލީހުގައި ބާރަށު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފައެވެ. 18 ވަނަ މަޖިލީހުގެ ހަމަ އެ ދާއިރާއަށް އޭނާ ވާދަ ކުރެއްވިއިރު، ކާމިޔާބު ލިބިވަޑައިގެންފައެއް ނުވެއެވެ.

ޝިއްޕެ ވިލިމާލެ ދާއިރާއަށް ވާދަ ކުރައްވާއިރު، ޑިމޮކްރެޓްސް އުފެއްދުވުމުގައި އިސްދައުރެއް އަދާކުރެއްވި، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ޢަމްރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަ ކުރައްވަން ވަނީ ނިންމަވައިފައެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި ސިޓީއެއްގައި އޭނާ ވިދާޅުވީ އެ ދާއިރާގެ ގޮނޑިއަށް އޭނާ ކުރިމަތިލެއްވީ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރުމަށް ކަމަށާއި ރައްޔިތުންގެ މަޖިލީހަކީ ބިނާކުރަނިވި ހަރުދަނާ ޤައުމީ މުހިއްމު މަސައްކަތްތަކެއް ކުރެވޭ ތަނަކަށް ހެދުމުގެ ވިސްނުން އެބަހުރި ކަމަށެވެ.