ދިވެހިރާއްޖެއަށް ގެންނަން އެދޭ ބޮޑެތި ބަދަލުތަކާއި ހާސިލުކުރަން އެދޭ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމާއެކު އެ ދާއިރާ ކުރިއަރައިދިއުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ އެކުވެރި ޢަރަބި އިމާރާތުގެ ދުބާއީގައި ބޭއްވި ”އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ“ ގައި ތަޤްރީރު ކުރައްވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް މި ސަރުކާރުން ރައްކާތެރި، އަމާން އަދި އެކަށޭނަ ޖާގަ ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި މި ސަރުކާރުގެ ތަރައްޤީގެ ފަލްސަފާއަކީ ގުޅުންތެރިކަމާއި، ގުޅިގެން މަސައްކަތްކުރުމާއި އަދި ނަތީޖާ ނެރެދިނުމަށް އަމާޒުހިފާފައިވާ ފަލްސަފާއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ބޮޑެތި އިންވެސްޓްމަންޓުތަކަށް ފަހި ކަންތައްތަކެއް ހިމެނޭހެން ރާއްޖޭގެ ޚާއްސަ އިޤުތިޞާދީ ސަރަހައްދުތަކުގެ ވިއުގަތައް އަލުން ހިނގައިގަންނަ ގޮތް ހަމަޖައްސަވާފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް އިންވެސްޓްމަންޓްތަކާ ގުޅޭ މުޢާހަދާތައް ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ އަދި އިންވެސްޓްމަންޓުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭގޮތަށް ބޭރުގެ އިންވެސްޓްމަންޓްތަކާ ގުޅޭ ޤާނޫނެއް ގެނައުމަށް މަސައްކަތްކުރަމުން އަންނަކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތަކުގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ އަމާޒުތައް ހާސިލުކުރުމުގައި މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.

ހަމައެހެންމެ އެމަނިކުފާނު ވަނީ އަމިއްލަ ވިޔަފާރީގެ ދާއިރާގެ އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދީ، އިންވެސްޓް ކުރާ ފަރާތްތަކަށް އެ އިންވެސްޓްމަންޓުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި އަދި ޕްރޮކިއުމަންޓުގެ ކަންކަން ދެފުށްފެންނަހެން ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފައެވެ.

ތަރައްޤީވަމުން އަންނަ ކުޑަ ޤައުމެއްގެ ގޮތުންނާއި ކުރިއަރަމުން އަންނަ އިޤުތިޞާދެއްގެ ގޮތުގައި ދިވެހިރާއްޖެއަށް އެތައް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެގޮތުން ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށްޓަކައި ސަރުކާރުން ރާވާފައިވާ މުހިންމު އިންވެސްޓްމަންޓުތަކުގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތަކާއި، ބައިނަލްއަޤްވާމީ ބާޒާރުގައި ހުރި މާލީ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ މި ގޮންޖެހުންތައް ހުރިކަމުގައި ވީނަމަވެސް އެކަންކަމާ ކުރިމަތިލައި ރާއްޖެއަށް ކަންކަން ފަހިވާގޮތަށް މަސައްކަތްކުރައްވަމުން އަންނަކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ވަނީ މުސްތަޤުބަލުގައި އިޤުތިޞާދަށް ކުރިމަތިވެދާނެ ލޮޅުންތަކަށް ވިލުންތެރިކަން އިތުރުކުރުމަށާއި އިޤުތިޞާދު ސިންދަފާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިހުރި ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެކުވެރި ޢަރަބި އިމާރާތުގެ ގިނަ އިންވެސްޓަރުން އެ ފޯރަމްގައި ތިބިކަން ފާހަގަކުރައްވައި، އެކުވެރި ޢަރަބި އިމާރާތާއި ދިވެހިރާއްޖެއަކީ ގުޅިގެން މަސައްކަތްކުރުމުގެ ދިގު ތާރީޚެއް އޮތް ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ.

އަދި އެޤައުމުގެ ތަޖުރިބާގެ އަލީގައި ރާއްޖެއިން ކުރިއަށްދިއުމުގެ ޝައުޤުވެރިކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ. އަދި އެކުވެރި ޢަރަބި އިމާރާތަކީ ރާއްޖޭގެ ވިޔަފާރީގެ އެންމެ ކުރީގައި ހިމެނޭ އެއް ޤައުމުކަން ފާހަގަކުރައްވައި ދެޤައުމުގެ ދެމެދު ކުރެވޭ ވިޔަފާރި ބައި ބިލިއަން ޑޮލަރަށް އަރާކަމާއި އަދި 2023 ވަނަ އަހަރަށް ބަލާއިރު ރާއްޖޭގެ އިމްޕޯޓުގެ 12 އިންސައްތަ ހިއްސާކުރަނީވެސް އެޤައުމުކަން ރައީސް ފާހަގަކުރެއްވިއެވެ.