ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދަވާނެ ކަމަށާއި އެންމެ އަވަހަށް ފަށާ ހައުސިން މަޝްރޫޢުތަކުންވެސް އެކަން ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސް ޖަވާބު ދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަށަައިގެން ކުރިއަށް ގެންދާ ސިލްސިލާ ”ރައީސްގެ ޖަވާބު“ ގައި ހަކަފުޅު ދައްކަވަމުންނެވެ.

ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރީންގެ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން އެ ދާއިރާގައި މަސައްކަތްކުރާ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ކެބިނެޓުން ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.

”މިހާރު ކެބިނެޓުން އޮންނާނެ ނިންމާފަވެސް އެކަންތައް. ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ރައްޔިތުންނަށް ހާއްސަ ހައުސިން ސްކީމެއް ސޯޝަލް ހައުސިން ޕްރޮޖެކްޓްސްތަކުގެ ތެރޭގައި ކުރިއަށް ގެންދަން،“ ރައީސް ވިދާޅުވިއެވެ.

އެކަމާ ގުޅޭ އޮނިގަނޑު ވެސް ފާސްކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ޝަރުތުތަކާއި ޕޮއިންޓް ދޭނެ ގޮތް ކަނޑައެޅުމުގައި ޓޫރިޒަމް ދާއިރާގެ ޖަމިއްޔާތަކާއި ދާއިރާގެ މަސައްކަތްތެރިންގެ ހިޔާލު ހޯއްދަވާނެ ކަމަށެވެ.

އެކިއެކި ސަރަހައްދުތަކުގައި ހައުސިން މަޝްރޫއުތައް ހިންގާއިރު އެ މަޝްރޫއުތަކުން ވަކި އިންސައްތައެއް ޓޫރިޒަމް ދާއިރާއަަށް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓޫރިޒަމް ދާއިރާގެ މީހުންނަށް ބޯހިޔާވަހިކަން ލިބޭނީ ހަމައެކަނި މާލެ ސަރަހައްދުގައި އަޅާ ހައުސިން ޔުނިޓްތަކަކުން ނޫން ކަމަށެވެ.

”ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައުސިން ޕްރޮޖެކްޓްސް ހިންގޭނެ. އެ ހިންގާއިރުގައި އެ ސަރަހައްދެއްގައި ހުރި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް އެ ސަރަހައްދުން ފްލެޓް ނޫނީ ހައުސިން ޔުނިޓްތަކުން ޖާގަ ލިބޭ ގޮތަށް އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ،“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް މުޢިއްޒު ވިދާޅުވީ އެންމެ އަވަހަށް ފެށޭ ހައުސިން ޕްރޮޖެކްޓްތަކުންވެސް އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.