ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ޤާއިމު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނީ، މިކަމާ ގުޅޭ އެއްބަސްވުމުގައި، ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕް އާއިއެކު އެ ކޯޕަރޭޝަނުން ސޮއިކޮށްފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ހިޔާ ފްލެޓްތަކުގައި މުޅި ޖުމްލަ 32 އާ ލިފްޓް ބެހެއްޓިގެންދާނެއެވެ. އެއީ ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެކެވެ.
މި މަޝްރޫޢުގެ މަސައްކަތް މިހާރު ފެށިފައިވާއިރު، މި މަސައްކަތް އެއް އަހަރު ދުވަސް ތެރޭ ނިމިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މި މަޝްރޫޢުކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ލިފްޓުގެ ދަތިކަން ދިމާވާތީ އެކަމަށް ޙައްލެއް ގެނައުމަށް ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
މި ލިފްޓުތައް ޤާއިމު ކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓްގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ވީހާވެސް ފަސޭހަ ވާނެހެން ކަންތައް ކޮށްދިނުމަށް ކަމަށެވެ.