ތެލަސީމިއާ ބަލީގެ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލު އެޅުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ހަމަޖައްސައިފިއެވެ.

Ads by Asuru

މިކަން ހާމަކުރެއްވީ، ނެޝަނަލް ތެލަސީމިއާ ކޮންފަރެންސް 2024 ފައްޓަވައިދެއްވަމުން، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފެވެ.

ނައިބު ރައީސް ވިދާޅުވީ ތެލަސީމިއާ ކުދިންނާއި، އެ ކުދިންގެ ޢާއިލާތަކުގެ ތަކުލީފުތައް ކުޑަކޮށްދެއްވައި، އެ ކުދީންގެ ފަރުވާގެ ކަންކަން ފުރިހަމަކުރެއްވުމަކީ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

އެގޮތުން، ސަރުކާރުން އެކުލަވައިލެވުނު ފުރަތަމަ ހަފްތާ 14ގެ ތެރޭގައި ތެލަސީމިއާ ކުދިންނަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން، ވަރަށް ގިނަގުނަ ކަންތައްތަކެއް އެކުލެވި، މިހާރު ފެށިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން، ތެލަސީމިއާ ކުދިންގެ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް، މާލެ ސަރަޙައްދުގައި ހަމަޖައްސަވައި، ކެބިނެޓުން އެކަން ނިންމުމަށްފަހުގައި، ހުޅުމާލެ، ދެވަނަ ފިޔަވަހިން 71000 އަކަފޫޓުގެ ބިމެއް މިހާރު ވަނީ ހަމަޖައްސަވައި ދެއްވާފައި.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، އެ ހޮސްޕިޓަލް އެޅުމަށްޓަކައި ބޭނުންވާނެ ފައިސާގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ދާކަމަށާއި، ދާދި އަވަހަށް އޭގެ ޢަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.

މީގެ އިތުރުން، ބޯންމެރޯ ޓްރާންސްޕްލާންޓްގެ ފަރުވާ، ސަރުކާރުގެ ޚަރަދުގައި ހިލޭ ކުރެވޭގޮތް ހެދުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިންމު އެއް ރިޔާސީ ވަޢުދު ކަމަށްވާއިރު، އެކަން މިހާރު ފެށިފައިވާކަމަށެވެ.