ފ. ފީއަލީގެ ތަރައްޤީގެ މަޝްރޫޢުތައް ވަޢުދުވެފައިވާ ގޮތަށް ފުއްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސް ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ ”ރައީސްގެ ޖަވާބު“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ކުރީ ސަރުކާރުން ފީއަލީގައި ހިއްކާފައިވާ ފަސްގަނޑުގެ ބޮޑުބައެއް ގިރައިގެން ގޮސްފައިވާތީ ފ.ފީއަލީ، ހަނދުވަރީ މަންޒިލް، އިބްރާހީމް ޝަނޫން، ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ފީއަލީގައި ހިއްކާފައިވާ ފަސްގަނޑު ހިމާޔަތް ކުރުމަށްޓަކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ކުރިއަށް ގެންދަވާ ކަމަށެވެ.

އަދި އެ މަސައްކަތް އަވަސްކޮށް ދިނުމަށް މިހާރު ދަންނަވާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ފީއަލީގެ ބިންހިއްކުމާއި، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ނިމިގެންދާއިރު މިހާރު ގިރާފައިވާ ސަރަޙައްދަށް އަލުން ފަސްއަޅައި މުޅި ޕްރޮޖެކްޓް އެއްކޮށް ފުރިހަމަ ކުރަށްވާނެ ކަމަށެވެ.

”ފީއަލީގެ ތަރައްޤީގެ މަސައްކަތްތަކަށް އިރާދަކުރެއްވިއްޔާ ރަނގަޅު ޙައްލެއް ގެނެސްދޭނަން.“ ރައީސް ވިދާޅުވިއެވެ.

ޝަނޫން ކުރި ސުވާލުތަކަށް ދެއްވި ޖަވާބުގައި ރައީސް އިތުރަށް ވިދާޅުވީ، ފީއަލީގެ ބަނދަރުހެދުމާއި، ރަށުގެ މައިމަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް ވަކި ތާވަލެއްގެ ދަށުން ބަޖެޓް ކޮށްގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.

ހަމައެއާއެކު އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައި ދެއްވާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.