ރާއްޖޭގެ މާލީ ނިޒާމާ މެދު އިތުބާރު ގެއްލުވާލައި، އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުމަށް، ހަގީގަތާ ހިލާފު ދޮގުވާހަކަތައް ނުފަތުރަން ސަރުކާރުން އިލްތިމާސް ކޮށްފިއެވެ.
ސަރުކާރުން މިފަދައިން އިލްތިމާސްކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓްރީން އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖެއަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެހެންވެ އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިވާން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ ރާއްޖޭގެ މާލީ އަދި ބޭންކިން ނިޒާމާ މެދު އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ފަތުރަމުންދާ ހަގީގަތާ ހިލާފު، އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
”މިއީ ސަރުކާރުން ގެންނަން މަސައްކަތް ކުރާ ފިޒިކަލް ރިފޯމް މަސައްކަތަށް ހުރަސްއެޅުމަށް ކުރަމުންދާ ކަމެއް،“ ބަޔާނުގައިވެއެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އިޤްތިޞާދު ވަރުގަދަ ކުރުމަށްޓަކައި ފަށާފައިވާ އިސްލާހީ އެޖެންޑާގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާއި މާލީ ނިޒާމާ މެދު އޮތް އިތުބާރު ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދޭކަމަށެވެ.
އަދި މި ސަރުކާރަށް ވާރުތަވެފައިވާ މާލީ ދަތިތަކާއި އެކު ވެސް، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ރަނގަޅު ކަމަށް ބޭރުގެ މާލީ އިދާރާތަކުން ބުނެފައިވާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މިފަދައިން ބަޔާނެއް ނެރެފައިވާއިރު ދާދިފަހުން ރާއްޖެއަށް ޒިޔާރަތްކުރި އައިއެމްއެފް އާއި ވޯލްޑްބޭންކުގެ ވަފުދުގެ ބޭފުޅުންވެސް ވަނީ މިސަރުކާރުން ހަރަދު ކުޑަކުރުމަށާއި މާލިއްޔަތު އިސްލާހުކުރުމަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކަށް މަރުހަބާ ކިޔާފައެވެ.