ރާއްޖޭގެ އިގްތިސާދީ އަދި ފިސްކަލް ހާލަތު މެނޭޖް ކުރަމުން ދަނީ ބައިނަލްއަގްވާމީ މާލީ އިދާރާތަކުގެ މަޝްވަރާގެ މަތިން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދީ އަދި ފިސްކަލް މިންގަނޑުތައް ހަރުދަނާކުރުމަށާއި ދެމެހެއްޓެނިވިކަން އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ފިޔަވަޅުތަކަށް އައި.އެމް.އެފް އަދި ވޯލްޑް ބޭންކް އިން މަރުހަބާ ކިޔުމަކީ ރާއްޖޭގެ އިޤްތިސާދު ކުރިއަރުވައި މެނޭޖްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ، މިއީ ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި އަޅަން ގަސްތުކުރާ ފިޔަވަޅުތަކަށް ލިބުނު އިތުބާރެއް ކަމުގައިވެސް ފާހަގަކުރައްވާ ކަމަށެވެ.

އަދި 2023-2025 ފިސްކަލް ސްޓްރެޓެޖީގައި ރާއްޖޭގެ އިޤްތިސާދީ އަދި ފިސްކަލް ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އާމްދަނީ އިތުރުކުރުމަށާއި ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެކަށައެޅިފައިވާނެ ކަމަށާއި، އަދި މި ފިޔަވަޅުތަކާ ގުޅޭ ގޮތުން ރާއްޖެއާއެކު މަސައްކަތްކުރާ މާލީ އިދާރާތަކާ ހިއްސާކުރެވިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން އަމީރު ވިދާޅުވީ އާމްދަނީ އިތުރުކުރުމަށް 2023 ވަނަ އަހަރު ޖީ.އެސް.ޓީ އަދި ޓީ.ޖީ.އެސް.ޓީ ބޮޑުކުރުމާއި ޚަރަދުތައް ދެމެހެއްޓިނިވި މިންގަނޑެއްގައި ބެހެއްޓުމަށް ސަބްސިޑީތައް ދެވޭގޮތް މުރާޖައާކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ އިޤްތިސާދީ މިންގަނޑުތައް ރަނގަޅުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް ކަމަށެވެ.