ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، އެ ސިޓީގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި، ކައުންސިލަރުންގެ ޝަކުވާތައް އަޑުއައްސަވައި، ނޯޓު ކުރައްވައިފިއެވެ.

Ads by Asuru

ރައީސްގެ ދަތުރުފުޅުގެ އެޖެންޑާގައި އެންމެ ފުރަތަމަ ކަމަކަށް އޮތީ އައްޑޫ ސިޓީ ކައުންސިލާ އތމ ކޮމެޓީއާ ބައްދަލުކުރެއްވުމެވެ.

އައްޑޫ ސިޓީގެ ތަރައްޤީއަށް ވެފައިވާ އިހުމާލުގެ ބޮޑުކަމުން، އައްޑޫ ސިޓީ ކައުންސިލް މެންބަރުންނާ އތމ ކޮމެޓީގެ މެންބަރުން އެކަން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަރަށް ތަފްޞީލްކޮށް ދަންނަވަން އެދިވަޑައިގަންނަވާތީ އެ ފުރުޞަތު މި ބައްދަލުވުމުގައި ރައީސް ވަނީ ދެއްވައިފައެވެ.

މިގޮތުން ކޮންމެ ކައުންސިލަރަކު އައްޑޫ ސިޓީގެ ޙާލަތާއި، އެދިވަޑައިގަންނަވާ ކަންކަމުގެ ވާހަކަ ދައްކަވަން ވަގުތު ދެއްވައި އެ ހުރިހާ ވާހަކަފުޅުތައް ރައީސް އަޑުއައްސަވައި ނޯޓު ކުރެއްވިއެވެ. މިއީ އައްޑޫ ސިޓީގެ މުޅި ތާރީޚުގައިވެސް ޤައުމުގެ އެންމެ އިސްވެރިޔަކު މިގޮތަށް މި ފުރުޞަތުދެއްވި ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުމަށް ގިނަ ވަގުތުތަކެއް ނަގާތީ، މި ބައްދަލުވުމުގެ މުހިންމުކަމަށް ބައްލަވައި، އައްޑޫ ސިޓީ ހިތަދޫ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް މިއަދު މެންދުރުފަހު 2:30 އަށް ތާވަލުކުރި ޖަލްސާ މިރެއަށް ވަނީ ފަސްކުރައްވައިފައެވެ.

އައްޑޫ ސިޓީ ކައުންސިލާ އތމ ކޮމެޓީއާއެކު މިއަދު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި މުޅި ސިޓީގެ ޙާލަތާ ރައްޔިތުން އެދޭގޮތް އަދި އައްޑޫ ސިޓީގެ މުސްތަޤްބަލުގެ އުއްމީދުތަކުގެ މައްޗަށް ވަރަށް ފުޅާ ދާއިރާއެއްގައި ހުރިހާ ކައުންސިލަރުންނާ އތމ ކޮމެޓީގެ މެންބަރުންވެސް ވާހަކަ ދެއްކެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރި ކަންކަމުގައި ތެރޭގައި ޞިއްޙީ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާކަމަށާއި ބޭސް ލިބުމުގައި ކުރިމަތިވާ ދަތިތަކާއި، ފެނުގެ ޚިދުމަތާއި، އިންޖީނުގެއާއި ކަރަންޓު ވިއުގައާއި، ޕޯޓާއި ބައެއް ބަނދަރުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިމެނެއެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ވަޞީލަތްތައް ތަރައްޤީކުރުމާއި، ވަޒީފާގެ ފުރުޞަތު ތަނަވަސް ކުރުމާއި އަދި ހުޅުދޫމީދޫގެ ބިންހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮތުމާއި، މަގުހެދުމުގެ މަޝްރޫޢާ ގުޅޭގޮތުންނާއި، ދަނޑުވެރިންނާއި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިމެނޭހެން އައްޑޫސިޓީ އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ގިނަ ކަންތައްތަކާ ގުޅޭގޮތުން ކައުންސިލްގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަންކަންކަމުގައި ވީއެންމެ ރަނގަޅަށް އެކަންކަމަށް ސަމާލުކަން ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން އައްޑޫސިޓީގައި މަސައްކަތް ކޮށްދެއްވާނީ އެސިޓީގެ އިޤްތިޞާދީ ކުރިއެރުމަށް ކުރަންހުރި ކަންކަމަށް އިސްކަން ދެއްވައިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދިއުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.