ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް އިންސާފު ލިބުމަކީ ޤައުމަށް އެންމެ ރަނގަޅު ގޮތް ކަމަށާއި، އެމަނިކުފާނަށް އިންސާފު ލިބުމަށް ހުރަސް އަޅާނެ އެއްވެސް މީހަކު ސަރުކާރުގައި ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ، ރޭ ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ ސިޔާސީ ވިސްނުމެއްގައި އަނިޔާވެރި ވުމަކީ އެމަނިކުފާނު ނުކުރައްވާނެ ކަމެއް ކަމުގައި ކުރީން ވެސް ދަންނަވާފައިވާނެ ކަމަށެވެ. ޢަދުލުވެރި ވެރިކަމެއް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވީއިރު، ޢަދުލުވެރިކަމަކީ އެންމެންނަށް ލިބެން ޖެހޭނެ އެއްޗެއް ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން، އަދި މިނިވަން ނުވާއިރު، މި ސަރުކާރުގެ އެއްވެސް ވަޒީރަކު، ނުވަތަ މަޖިލިސް މެމްބަރަކު ކޯޓުތަކުގައި ހިނގާ އެއްވެސް ކަމަކަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

”ޝަރީއަތުގެ ތެރެއަށް ނުފޫޒެއް ނުފޯރުވާނެ ކަމަށް އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެންގެ ސަރުކާރު ފެށުނު ދުވަހުން ފެށިގެން، ޖުޑިޝަރީ ހިނގަމުން އެދަނީ، ފުރިހަމަ މިނިވަންކަންމަތީގަ.“ ރައީސް ވިދާޅުވިއެވެ.

މި ޤައުމުން އަބަދު ވެސް ފެންނަނީ ސިޔާސީ މަޤާމުތަކުގައި ތިބޭ މީހުން ބަންދުކޮށް އަދަބު ދޭތަން ކަމަށާއި، އެގޮތަށް އަނިޔާ ލިބުމަކީ އެމަނިކުފާނު ޤަބޫލުކުރައްވާ ގޮތެއް ނޫން ކަމަށެވެ.

”އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިހާ ދުވަސް ވެގެން ދިޔައިރުގަ، ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމަކީ ޤައުމަށް ހަމަޖެހުން ލިބޭނެ ގޮތެއް ނޫން، އެމަނިކުފާނަށް ވެސް އިންސާފު ލިބެން ޖެހޭނެ، އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން.“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޝަރުޢީ ނިޒާމުގެ ތެރެއިން ރައީސް ޔާމީނަށް އިންސާފު ލިބެން ޖެހޭ ކަމަށާއި، ސަރުކާރުގެ އެއްވެސް ނުފޫޒެއް، އެ ދާއިރާއަކަށް ނެތް ކަމަށެވެ.

އެމަނިކުފާނު ވަނީ މި ސަރުކާރުން އެއްވެސް މީހަކަށް އިންސާފު ލިބުމަށް ހުރަސް ނާޅާނެ ފަދައިން، ރައީީސް ޔާމީނަށް އިންސާފު ލިބުމަށް ވެސް އެއްވެސް ހުރަހެއް ނާޅާނެކަން ފާހަގަކުރައްވައި، އެމަނިކުފާނަށް ވެސް އަވަހަށް އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.