ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުން އަޒުލު ކުރަން ޖެހޭނީ ކަރުގެ ހިމަނާރު ބުރިކޮށްލާފައިކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޭދޫ އަދި ހިތަދޫ ރައްޔިތުންނާއި ރޭ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ޝަހީމް ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު މި ޤައުމު ވައްޓާލާފައިއޮތް ފުން ވަޅުގަނޑުން އަރައިގަނެ ޤައުމު ސަލާމަތް ކުރުމަށް އެމަނިކުފާނު ގެންދަވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.

ނަމަވެސް، ވެރިކަމަށް 14 ހަފްތާ ވެސް ނުވަނީސް، އެކިއެކި ދޮގު ވާހަކަތައް ފަތުރާ މި ވެރިކަން ވައްޓާލުމަށް ބަޔަކު މަސައްކަތް ކުރަމުން ދާކަމަށް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޝަހީމް ވިދާޅުވީ، ރައްޔިތުން ވޯޓު ލައިގެން ހޮވާފައިވާ ވެރިއަކު އަޒުލުކުރުމަށް މަޝްވަރާކޮށް ވާހަކަދެކެވޭ ހިސާބަށް ދާ ދިޔުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

ރައީސް މުޢިއްޒު ޤައުމަށްޓަކައި ކުރައްވާ ބުރަ މަސައްކަތްޕުޅުތަކުގައި އެހީތެރިވެ ސާބިތުކަމާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވިކަން ފާހަގަކުރައްވައި ޝަހީމް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ޤާނޫނީ ވެރިކަން ޤާނޫނާއި ހިލާފަށް ފުރޮޅާނުލެވޭނެ ކަމަށެވެ.

”ކުޅޭ ކުޅިވަރަކަށް ހަދައިގެން މަނިކުފާނު ވެރިކަމުން އަޒުލެއް ނުކުރެވޭނެ. އެކަންކުރަންޖެހޭނީ އަޅުގަނޑުމެންގެ ކަރުގެ ހިމަނާރު ބުރިކޮށްލާފައި.“ ޑރ. ޝަހީމް ވިދާޅުވިއެވެ.

ރައީސް މުއިއްޒު މަގާމުން އަޒުލުކުރަން މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފައިވާއިރު އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ އަދަދަށް މިހާރު ވަނީ ސޮއި ހަމަކޮށްފައެވެ. އެމްޑީޕީން ބުނަނީ މި މައްސަލަ ހުށަހަޅާނީ އެންމެ ރަނގަޅު ވަގުތުގައި ކަމަށެވެ.