އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އަޅާ ބްރިޖުގެ ދިރާސާ އާއި ކުރެހުމުގެ މަސައްކަތް ކުރުމަށް މިސްރުގެ ”ދަ އަރަބް ކޮންޓްރެކްޓާސް“ ކުންފުންޏާ މިއަދު ޙަވާލުކޮށްފިއެވެ.
އެ މަޝްރޫޢު އަރަބް ކޮންޓްރެކްޓަރސްއާ ޙަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މިއަދު އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ޖަލްސާގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. ދަ އަރަބް ކޮންޓްރެކްޓާސްގެ ފަރާތުން ސޮއިކުރެއްވީ އިންޖިނިއާ ހެބާ އަޙުމަދު ލައިލާއެވެ.
އެއްބަސްވުމުގެ ދަށުން، އެ ކުންފުނިން ބްރިޖުގެ ކުރެހުމާއި އެންވަޔަރަމަންޓަލް އިމްޕެކްޓް ސްޓޭޓްމަންޓް ނުވަތަ އެނަލިސް އަދި ޖިއޯ ޓެކްނިކަލް އިންވެސްޓިގޭޝަން ރިޕޯޓެއް ހަދާނެއެވެ.
އެ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުން މިހާތަނަށް ހިންގާފައިވާ މިފަދަ ޖިއޯ ޓެކްނިކަލް ދިރާސާތަކުގެ މަޢުލޫމާތު އެ ކުންފުންޏާ ހިއްސާ ކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
ދިރާސާ ކުރާ ކުންފުނިން، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ނިންމަން ޖެހޭއިރު، ބްރިޖު އަޅަން ހިނގާނެ ކަމަށް ލަފާ ކުރެވޭ ޚަރަދު ވެސް ޕްރޮޕޯސަލެއްގެ ގޮތުގައި ހުށަހަޅަން ޖެހޭނެއެވެ.
ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވިއެވެ.
މިއަދު ހުޅުމިދޫގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އެ ބްރިޖު ގިނަވަގެން ހަތަރު އަހަރު ތެރޭގައި ނިންމާ ބޭނުންކުރަން ހުޅުވާލާނެ ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ސަރުކާރުގެ ވަޢުދަކީ ހަމައެކަނި ބުނެލާ ބަހެއް ނޫންކަމަށާއި، އެއީ އިޚުލާސްތެރިކަމާއެކު ރައްޔިތުންނަށް ޙަޤީގަތަކަށް ހައްދަވައިދެއްވާނެ ކަންކަންކަމަށެވެ.