ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމުގެ މަސައްކަތް ކާމިޔާބު ހިސާބަކަށް ގޮސްފައިވާ ކަމަށާއި، އެކަން ލިޔެކިޔުމަށް ތިރި ކުރެވި، ސޮއެ ވެސް ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އިންޑިއާގެ ފަރާތުން ހުވާކުރުމުގެ ރަސްމިއްޔާތަށް ފޮނުއްވި ވަޒީރާ އެމަނިކުފާނު ފުރަތަމަ ދުވަހު ބައްދަލުކުރައްވައި، ރިޔާސީ ކެމްޕެއިނުގައި ދިވެހީންނަށް ވަޢުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭގައި ތިބި ސިފައިން ފޮނުވާލަން އެދިވަޑައިގެންނެވި ކަމަށެވެ.

”މިތާ ތިބި އިންޑިއާގެ ސިފައިން ގެންގޮސްދެއްވާށޭ. އެ މަސައްކަތް އެ ދުވަހު ފެށިގޮތަށް، މިއަދާ ހަމަޔަށް އިރާދަކުރެއްވިއްޔާ އާދެވުނުއިރުގައި މިއޮތީ، އިރާދަކުރެއްވީތީ ވަރަށް ކާމިޔާބު ހިސާބަކަށް އާދެވިފައި. މިހާރު ލިޔެކިޔުމަށް ތިރިކުރެވި، އެއޮތީ ސޮއިކުރެވިފައި. ސޮއިކުރެވިފައި އެއޮތީ ތާރީޚުތަކެއްގެ މައްޗަށް އެއްބަސްވެވިފައި.‏“

އެމަނިކުފާނު ވިދާޅުވީ، މި މަސައްކަތުގައި މިވަރުގެ ކާމިޔާބީއެއް ލިބުމަކީ ﷲ އަށް ޙަމްދުކޮށް އެކަމަށްޓަކައި ފަޚުރުވެރިވާންޖެހޭނެ ކަމެއް ކަމަށެވެ.

”ދިވެހި ރައްޔިތުން ކުރެއްވި ކަމެއް މިއީ. ތިޔަބޭފުޅުން ނިންމި ނިންމުމެއް މިއީ. ތިޔަބޭފުޅުން ނިންމެވީ، މި ޤައުމުގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ތިބެގެން ނުވާނެ ކަމަށް. އެ ނިންމުން ތަންފީޒުކޮށްދޭނެ ކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑުގެ މައްޗަށް އޮތީތީ، ތިޔަބޭފުޅުން އަޅުގަނޑަށް ފުރުޞަތު ދެއްވީ. އެ ޔަޤީންކަން މަތީގައި ފުރަތަމަ ދުވަހު ހުރިގޮތަށް މިއަދުވެސް މިހިރީ. އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުކޮށްދޭނަން ތިޔަބޭފުޅުންނަށް.“

ރައީސް ވަނީ އަންނަ މަހުގެ 10ގެ ކުރިން، އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު އަދި ދެމަސް ތެރޭގައި ދެން ތިބި ސިފައިން ބާލައި، އެއްކޮށް ނިންމާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތް އަންނަ މަހުގައި ފަށައި، މޭ 10ގެ ކުރިން، ހުރިހާ ސިފައިން ގެންގޮސް ނިންމާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭ އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ޖަލްސާގެ ތެރެއިން- ފޮޓޯ/ ރައީީސް އޮފީސް

 

ރައީީސް މުޢިއްޒު ރޭ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ ދައުރެއްނެތި ދިވެހީންގެ ތަރިކަ މުދަލެއް ކަމުގައިވާ، އެތައް އަކަ ކިލޯ މީޓަރެއްގެ ކަނޑުގެ ސަރަޙައްދު ދޫކޮށްލި ދޫކޮށްލުން ބަދަލުކުރުމަކީ ވެސް އެމަނިކުފާނުގެ މުހިންމު ވަޢުދެއްކަން ފާހަގަކުރެއްވިއެވެ.

ރައީީސް ވިދާޅުވީ ދިވެހީންނަށް ގެއްލިގެން ދިޔަ ކަނޑުގެ ސަރަހައްދު ވެސް ހޯއްދަވައިދެއްވާނެ ކަމަށެވެ.