ފަރެސްމާތޮޑާގައި ބިންހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާއި، އެރަށުގެ ބަނދަރު ތަރައްޤީކުރާނީ ސްލިޕްވޭއެއްވެސް ހިމެނޭގޮތަށް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ މިއަދު ހުވަދޫ ސްކޫލްގައި ފަރެސްމާތޮޑާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ބަނދަރުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނީ ރައްޔިތުން އެދޭގޮތަށްކަމުގައި ވިދާޅުވިއެވެ.

އަދި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ފަރެސްމާތޮޑާގެ ބޯހިޔާވަހިކަމުގެ މައްސަލަވެސް ހައްލުކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް މިއަދު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ހުށަހަޅާފައިވާތީ، އެކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ހުރިހާ ސިޓީއެއްގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށާއި ބޮޑެތި ރަށްރަށުގެ ބޮޑެތި މަގުތައް ހެދުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ފަރެސްމާތޮޑާގެ މަގުތައްވެސް ރަނގަޅު ފެންވަރަކަށް ހެދިގެންދާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިޤުތިޞާދު އޮތް ނުރަނގަޅު ޙާލަތުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ.

އެގޮތުން އެކިއެކި މަސައްކަތްތައް ކޮށްފައި ފައިސާ ނުދައްކާ ގިނަ އަދަދެއްގެ ބިލްތަކެއް އެމަނިކުފާނު ސަރުކާރަށް ވާރުތަވެގެން އައިކަމަށާއި، އެގޮތުން ހަމައެކަނި ރާއްޖޭގެ އެކި ފަރާތްތަކަށް ދައްކަންޖެހޭ ޖުމްލަ 9 ބިލިޔަން ރުފިޔާގެ ބިލް ހުރިކަމާއި، ބޭރުގެ ފަރާތްތަކަށް އޮތް ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

އަދި ރާއްޖެއަށް މިހާރު އިޤުތިޞާދީގޮތުން ކުރިމަތިވެފައިވާ ދަތިތަކަކީ މި ދަރަނިތަކާހުރެ ކުރިމަތިވެފައިވާ ދަތިތަކެއްކަމަށާއި، އެހެންނަމަވެސް އެމަނިކުފާނުގެ ސަރުކާރުން މި ދަރަނިތައް އަދާކުރުމުގެ މަސައްކަތް ކުރަމުންދަނީ މީގެ ކުރިޔާ ޚިލާފަށް ފައިސާ ޗާޕު ކޮށްގެން ނޫން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.