އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ، އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

Ads by Asuru

އެކުންފުނިން ބުނި ގޮތުގައި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އޮންނާނީ އެރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީވާ މީހުންނަށް އޮންލައިންކޮށް ނުވަތަ ސެންޓްރަލް ޕާކަށް ހާޒިރުވެގެން ބައިވެރިވެވޭނެއެވެ.

އުރީދޫން ބުނި ގޮތުގައި ސެންޓްރަލް ޕާކަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 200 ހިއްސާދާރުންނަށެވެ.

މީގެ އިތުރުން އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނަށް ”ފަހިވޯޓު“ މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށްވެސް އުރީދޫން ބުނެއެވެ.

ސެންޓްރަލް ޕާކަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ މީހުންނާއި އޮންލައިންކޮށް ބައިވެރިވާ މީހުންނަށް އެ މައުލޫމާތު މާޗް ހަ ވަނަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން އަންގާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫން ބުނި ގޮތުގައި ޖަލްސާ ބާއްވާ ތަނަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓާ ކޮށްފައިވާ މީހުންނަށް ޖަލްސާގައި ބައިވެރިވެވޭނީ ހުޅުމާލެ ސެންޓްރަލް ޕާކް އިންނެވެ. އަދި އޮންލައިންކޮށް ބައިވެރިވާ މީހުންނަށް ޖަލްސާގައި ބައިވެރިވެވޭނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމަންޓް ސިސްޓަމް ”ފަހިވޯޓު“ މެދުވެރިކޮށެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މާޗް ފަސް ވަނަ ދުވަހުގެ ރޭ 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓާކުރާ މީހުންނަށެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ރަޖިސްޓްރީވެފައިވާ މީހުންނަށް އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެ ކަމަށެވެ.