އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ބައްދަލުވެވަޑައިގެންނެވި ކޮންމެ ފަސް މީހެއްގެ ތެރެއިން، ހަތަރު މީހެއްގެ ތާއީދު އޭނާއަށް އެބައޮތް ކަމަށް، އެ މަގާމަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ(އިންތި) ވިދާޅުވެއްޖެއެވެ.

Ads by Asuru

އިންތި މިހެން ވިދާޅުވެފައިވަނީ ރޭ ސަންގު ޓީވީގައި ވާހަކަ ދައްކަވަމުންނެވެ. މިއަދު ބާއްވާ އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން އިންތި ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. އޭނާ ވިދާޅުވީ ރަށްރަށުން ވަރަށް ގިނަ ގެތަކަށް ޒިޔާރަތް ކުރެއްވުނު ކަމަށާއި، އިންތިހާބުގައި ފަސްހާހެއްހާ ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

”އަޅުގަނޑުމެންނަށް ވަރަށް ހިތްހަމަޖެހުމާއެކުގައި މިހާރުވެސް މި ތިބެވެނީ. ދަންނަވާލަން ބޭނުން، މިއީ އެމްޑީޕީގެ މެމްބަރުން މުހިންމު ނިންމުމެއް ނިންމަވަން ޖެހިވަޑައިގެންފައިވާ ވަގުތެކޭ. މީކީ ޗެެއާޕާސަންއެއްގެ އިންތިހާބަކަށް ކުޑަވެގެންދާވަރުގެ ކަމެއް ނޫން. އެއަށްވުރެމާ ބޮޑު، ފުޅާކޮށް އޮތް ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލު ކުރަން.“ އިންތި ވިދާޅުވިއެވެ.

މި އިންތިހާބުގައި އެމްޑީޕީގެ މެމްބަރުން ނިންމާ ނިންމުމެއްގެ މައްޗަށް ބިނާކޮށް، ޕާޓީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އިންތި ވިދާޅުވިއެވެ.

އެގޮތުން ޕާޓީގެ ފިކުރު ބަދަލުވެ، މުޅިން އެހެން ޕާޓީއަކަށް ވާނީތޯ އާއި، ޕާޓީގެ މެމްބަރުންނަށް ވަޒީފާގެ ބިރުވެރިކަން ކުރިމަތިވާނީތޯ ނުވަތަ ނޫންތޯ ނިންމާނެ އިންތިހާބަކަށް މިއަދުގެ އިންތިހާބު ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.