އެއްވެސް ބަޔަކަށް ނިއުކްލިއަރ ހަނގުރާމައެއްގައި މޮޅެއް ނުލިބޭނެ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

Ads by Asuru

ޕޫޓިން ވިދާޅުވީ އެފަދަ ހަނގުރާމައެއް، އެއްވެސް ބައެއްގެ މެދުގައި ހިނގައިގެންވެސް ނުވާނެ ކަމަށެވެ. އޭނާ މިފަދައިން ވިދާޅުވެފައިވަނީ ނިއުކްލިއަރ ނަން-ޕްރޮލިފެރޭޝަންގެ ކޮންފެރެންސެއްގެ ބައިވެރިންނަށް ފޮނުއްވި ސިޓީއެއްގައެވެ.

ރަޝިއާގެ ރައީސް މިހެން ވިދާޅުވިއިރު، އެގައުމުން ޔޫކްރެއިންއާ ހަނގުރާމަ ކުރަމުން އަންނަތާ ވަނީ ފަސް މަސް ވެފައެވެ.

ޕޫޓިން އިތުރަށް ވިދާޅުވި ގޮތުގައި ރަޝިއާއިން އަބަދުވެސް ތާއީދު ކުރަނީ މުޅި ދުނިޔޭގެ ހުރިހާ ބަޔަކަށްވެސް ހަމަހަމަކަމާއި ސަލާމަތްތެރިކަން ލިބުމަށް ކަމުގައެވެ.

ޔޫކްރެއިންއާ ދެކޮޅަށް ޕޫޓިން ހަނގުރާމަ އިއުލާނު ކުރެއްވީ މިއަހަރުގެ ފެބްރުއަރީމަހުގެ 24 ވަނަ ދުވަހުއެވެ. އޭނާ ވަނީ ރަޝިއާއަށް ލިބިފައިވާ ނިއުކްލިއަރ ބާރާއެކު، އެގައުމާ ކުޅެން އުޅެފިނަމަ ”ތާރީހުގައިވެސް ކުރިމަތިލާން ޖެހިފައި ނުވާ ފަދަ“ ކަންކަން ކުރިމަތިވެދާނެ ކަަމުގެ އިންޒާރުވެސް ދެއްވާފައެވެ.

މިފަދައިން ވިދާޅުވިތާ ދުވަސްތަކެއް ފަހުން، ރަޝިއާގެ ނިއުކްލިއަރ ބާރަށް، އެންމެ މަތީ އެލާޓްގައި އޮތުމަށްވެސް އޭނާ އެންގެވިއެވެ.