ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަކީ ގޮންޖެހުންބޮޑު މަސައްކަތެއް ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުނެފިއެވެ.

Ads by Asuru

އޭޖީ އޮފީހުން މިއަދު ބުނީ ރާއްޖޭގެ އީއީޒެޑްގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމާފައިވާ މައްސަލަ ކުރިޔަށްދިޔައިރު ކުރީ ސަރުކާރުން ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ނެގެން ހުރި ގިނަ ދިފާއުތަކެއް ނަގާފައި ނުވާކަމަށެވެ.

އަދި އެ މައްސަލައިގައި ނިމިދިޔަ ސަރުކާރުން ޒިންމާދާރުކަން ކުޑަގޮތަކަށް އަމަލުކުރުމުގެ ސަބަބުން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަޙައްދުން ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

އޭޖީ އޮފީހުން ބުނީ މި މައްސަލައާ ގުޅިގެން ގާނޫނީ ލަފާ ހޯދުމަށް އައްޔަނުކޮށްފައިވާ އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި ލޯ އޮފް ދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރުގެ ލަފާ އެ އޮފީހަށް މިހާރު ލިބިފައިވާ ކަމަށާއި އެ މައްސަލައިގައި މިހާތަނަށް ލިބިފައިވާ ގާނޫނީ ލަފާތަކުގެ މައްޗަށް ބިނާކޮށް އެ މަސައްކަތްކުރުމަށް ބަންޑާރަނައިބު އުފައްދަވާފައިވާ ވިލަރެސް ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓް ވެސް ލިބިފައިވާ ކަމަށެވެ.