ލާމަރުކަޒީ ނިޒާމުގެ ބާރު ކައުންސިލުތަކަށް ދިނީ މި ސަރުކާރުން ކަމަށް ހދ.ހިރިމަދޫ ކައުންސިލުން ބުނެފިއެވެ.

Ads by Asuru

އެ ކައުންސިލުގެ މެމްބަރުން މިކަން ފާހަގަކުރެއްވީ، ރައީސް ޑރ. ޑރ މުހައްމަދު މުއިއްޒު ހިރިމަރަދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމުންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ނެއްލައިދޫ ސުކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސްއާ ހިއްސާކުރައްވާފައެވެ.

އެގޮތުން ބަނދަރު ބޮޑުކުރުމަށް ބޭނުންވާކަމަށާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ބަޖެޓުގެ ދަތިކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުން ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ބާރު ކައުންސިލްތަކަށް ދެއްވީ މި ސަރުކާރުން ކަމުގައެވެ.

އަދި މި ސަރުކާރަކީ ވަރަށް އުންމީދީ ސަރުކާރެއްކަމަށާއި، މި ސަރުކާރު ދިފާއުކުރުމަށް ވެވެންއޮތް ހުރިހާ ގުރުބާނީއެއް ހިރިމަރަދޫ ކައުންސިލުން ވާނެކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ މަޝްރޫޢެއްގެ ގޮތަށް ހިރިމަރަދޫ ކައުންސިލް އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ފައްޓަވައި، 20 ދުވަސްތެރޭ ޢަމަލީ މަސައްކަތް ފެއްޓެވުމަށް ނިންމެވިކަން ހާމަކުރެއްވިއެވެ.

އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.