އިދިކޮޅު އެމްޑީޕީން އިސްކުރަނީ ގައުމު ނޫން ކަމަށާއި، އެ ޕާޓީގެ އަމިއްލަ މަސްލަހަތު ކަމަށް ރައީީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ، އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. ކަނޑިތީމަށް މިއަދު ވަޑައިގެން ދެއްކެވި ވާހަކައިގައެވެ.

ރައީސް ވިދާޅުވީ، ތަރައްގީ އަދި ތަހުޒީބުވެފައިވާ ޑިމޮކްރަސީތަކުގައި ކޮންމެ ޕާޓީއަކުން މީހަކު ހޮވިފައި ހުއްޓަސް، އެ ދާއިރާއަށް ނުވަތަ ގައުމަށް ކުރިއަރުން އަންނަ ނަމަ އެކަމަށް އެއްބާރުލުން ދެއްވާ ކަމަށެވެ.

”މިހާރުގެ އިދިކޮޅު ޕާޓީން ކަންކަމުގައި ވަރަށް ބޮޑަށް ނަގަނީ ޕާޓީ ލައިން. ތަރައްގީގެ ވިސްނުމެއް ނޫން. ގައުމަށް ފައިދާ ހުރި ކަންކަމެއް ނޫން، އެ ފަރާތްތަކުގެ އަމިއްލަ ވަކި މަސްލަހަތުތަކެއް.“ ރައީސް ވިދާޅުވިއެވެ.

އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދައިދެއްވާނެކަމުގެ ޔަގީންކަން ރައީީސް ތަކުރާރުކޮށް ދެއްވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ވައުދުވި ހުރިހާ ކަމެއް ބަޖެޓުގައި ހިމެނުމަށް ހުށަހެޅުއްވި ކަމަށެވެ. އޭގެ ތެރެއިން ބައެއް ކަންކަން ހިމަނާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ހިމެނި ކަންކަމުގައިވެސް މަސައްކަތް ފެށޭވަރަށް އަދި ފަށާފައި ހުރި މަސައްކަތް ނިންމޭ ވަރަށް ފައިސާ ހިމަނާފައިނުވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެކަން އެގޮތަށްވީ މިހާރު ހިނގަމުންދާ މަޖިލީހުގައި ސަރުކާރުގެ މެންބަރުން މަދުވުމުންނެވެ. އެމަނިކުފާނު ވަނީ ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއް އިންތިހާބު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.