އަންނަ މާޗް މަހުގެ 17ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލެއާއި އަތޮޅު ތެރޭގައި ތިބޭ ފުލުހުން ކޮމާންޑަރުންގެ ގޮތުގައި މަސައްކަތްކުރާ އޮފިޝަލުން ތަމްރީނުކުރަން ފަށައިފިއެވެ.

Ads by Asuru

މި ތަމްރީނުތައް ކުރިއަށް ގެންދަނީ ފުލުހުންނާއި އިލެކްޝަންސް ކޮމިޝަން(އީސީ) ގުޅިގެންނެވެ.

ފުލުހުން ބުނީ، މި ތަމްރީނުތަކުގެ ތެރެއިން މަޖިލިސް އިންތިހާބާ ބެހޭ ގާނޫނާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނާއި އިލެކްޝަންސްގެ ގާނޫނަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

މީގެ އިތުރުން ކުރީގެ އިންތިހާބުތަކުގެ މައުލޫމާތާއި ވޯޓުލުމާއި ވޯޓު ގުނުމުގެ ހުރިހާ މަރުހަލާއެއްގައި އަމާންކަމާއެކު ހަރަކާތްތެރިވެފައިވާ ގޮތުގެ ތަޖުރިބާތަކާއި މައުލޫމާތު މި ތަމްރީނު ޕްރޮގުރާމުގައި ހިއްސާކުރާނެ ވެސް ފުލުހުން ބުނެއެވެ.

އަދި ކުރީގެ އިންތިހާބުތަކުގައި ދިމާވެފައިވާ މައްސަލަތަކާއި ވޯޓުލުމުގެ ހައްގު އޮންނަ ކޮންމެ ރައްޔިތަކަށް އެ ހައްގުގެ ބޭނުން އެންމެ ފުރިހަމައަށް ކަށަވަރުކޮށްދިނުމާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

މި ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ދުވަހުގެ މުއްދަތަކަށް ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި ޕްރޮގްރާމްގައި މައުލޫމާތު ދެއްވަނީ ފުލުހުންގެ ހިދުމަތުގެ މުދައްރިބުންނާއި އިލެކްޝަންސް ކޮމިޝަނުގެ ކަމާގުޅޭ މުދައްރިބުންކަމަށް ފުލުހުން ބުނެއެވެ. އަދި މާދަމާ އޮންނަ ތަމްރީނުތަކުގައި މައުލޫމާތު ދެއްވާނީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ކަމަށް ވެސް އެ ހިދުމަތުން ބުނެއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ.