ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

Ads by Asuru

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު މިލަންދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސްއާ ހިއްސާކުރައްވާފައެވެ.

އެގޮތުން ކައުންސިލުން އެންމެ ބޭނުންވާ ކަމެއްގެ ގޮތުގައި ރަށުގައި މޫދަށް އެރެވޭނެ ސަރަހައްދެއް ޤާއިމުކުރުން ފާހަގަކުރެއްވިއެވެ.

އަދި އާ ކައުންސިލް އިދާރާއެއް ޤާއިމުކޮށްދެއްވުމަށާއި، ކައުންސިލުން އިސްނަގައިގެން އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭނެ މިންވަރު އިތުރުކުރުމުގައި ސަރުކާރުގެ އެއްބާރުލުން ދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށްޓަކައި ހަރުދަނާ ނިޒާމެއް ޤާއިމުކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ އިނާޔަތެއްގެ ބަދަލުގައި މުސާރަ ދެއްވާގޮތަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.