އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅު، މ.ދިމްޔާތުގައި ހުންނެވީ އަމިއްލަ ހަރަދުގައި ކަމަށާއި، ދައުލަތުގެ އެންމެ ރުފިޔާއެއްގައި ވެސް ޖެހިފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް އޮފީހުން ކުރިއަށް ގެންދާ ”ރައީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިން، މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ފޮނަދޫއަށް ނިސްބަތްވާ ރައްޔިތަކު ވަނީ ރައީސް އާއި އަނބިކަނބަލުންގެ ފަރިއްކޮޅަށް 30 މިލިއަން ރުފިޔާ، އަދި ދިމްޔާތުގައި ހުންނެވި ދުވަސްވަރު އެ ގޭގެ ހަރަދަށް 25 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ބުނެ، ފަތުރަމުންދިޔަ ވާހަކަތަކުގެ ސައްހަ ކަމާމެދު ސުވާލު ކޮށްފައެވެ. ރައީސް ވިދާޅުވީ، އެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

”ދައުލަތުގެ އެންމެ ރުފިޔާއެއްވެސް، އެއްވެސް ހަރަދެއް ނޯންނާނެ ގެއަށް ކޮށްފައެއް. އެއްވެސް ކަމަކަށް ހަރަދެއް ނުވެސް ކުރުވަން.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ގެކޮޅުގައި ސެކިއުރިޓީން ވެސް ތިބޭއިރު، އެކަމަށް ވެސް ހަރަދު ކުރީ އަމިއްލަފުޅަށް ކަމަށެވެ.

ރައީސް ވިދާޅުވީ މި ފާއިތުވި ދުވަސްތަކުގެ ތެރޭގައި، ރައީީސްގެ ފަރިއްކޮޅަށް 30 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ބުނާ ވާހަކަ އަކީ ބުއްދިއަށްވެސް ގަބޫލު ނުކުރެވޭވަރުގެ ވާހަކައެއް ކަމަށާއި، މުލިއާގޭގައި ވެސް ކެއުމަށް އަހަރެއްގެ މައްޗަށް ކަނޑައެޅިފައިވާ ބަޖެޓަކީ ހަތް ލައްކަ ރުފިޔާ ކަމަށެވެ.

އެމަނިކުފާނު ވަނީ ވަރަށް ގިނަ، ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާކަން ފާހަގަކުރައްވާފައެވެ. ރައީީސް ވިދާޅުވީ، މިފަދަ ވާހަކަތައް ފަތުރަމުން ދަނީ ސަރުކާރުން ކުރާ މަސައްކަތްތައް ރައްޔިތުންނަށް ފެނި، ދައްކާނެ ވާހަކައެއް ނެތުމުން ކަމަށެވެ.

”ރައްޔިތުން ކައިރިން އަޅުގަނޑު އެދެން އޮތީ، މިކަހަލަ އެއްވެސް ވާހަކައެއް އިވިއްޖެއްޔާ ހަގީގަތް ރަނގަޅަށް ބަލާލަށޭ.“

އިދިކޮޅު ފަރާާތްތަކަށް ސަރުކާރާ ދެކޮޅަށް ދެއްކޭނެ ވާހަކައެއް ނެތުމުން، މިހާރު ގެންގުޅޭ ސްޓްރެޓެޖީ އަކީ ރަޖިސްޓަރ ނުކުރާ ނޫސްތައް ބޭނުންކޮށްގެން ދޮގު ވާހަކަ ފެތުރުން ކަމަށް ވެސް ރައީީސް ވިދާޅުވިއެވެ.

މުލިއާގޭގެ މަރާމާތުގެ ކުރިން ރައީީސްގެ ދެކަނބަލުން އުޅުއްވީ، ދިމްޔާތުގައެވެ. ނަމަވެސް މިހާރު ދިރިއުޅުއްވަނީ  މުލިއާގޭގައެވެ.