ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމުގެ އަމާޒަށް ވާސިލު ވެވޭތީ، ބައެއް ފަރާތްތަކުން އެކަމާމެދު ޝައްކު އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ ނ.މަނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު އެއް ވައުދެވެ. އެކަމުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ބޭއްވި މަޝްވަރާތަކަށްފަހު ދެ ގައުމުން ވަނީ ރާއްޖޭގައި ގާއިމުކޮށްފައިވާ އިންޑިއާގެ ތިން އޭވިއޭޝަން ޕްލެޓްފޯމުގެ ތެރެއިން އެއް ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން އަންނަ މާޗު މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޮނުވާލަން އެއްބަސްވެފައެވެ.

ޑިފެންސް މިނިސްޓްރީން ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސ. ގަމުގައި އޮންނަ ހެލިކޮޕްޓަރު ދުއްވަން މިހާރު އައްޑޫގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު ދުއްވަން އަންނަ މަދަނީ މީހުން މިއަދު ހަވީރު ރާއްޖެ އައިސްފައިވާ ކަމަށާއި އެ ޓީމު މިރޭގެ ވަގުތެއްގައި އައްޑޫއަށް ގޮސް ހޭންޑްއޯވާ/ ޓޭކްއޯވާގެ ކަންކަން ފުރިހަމަ ކުރާނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ތާރީހަށް އައްޑޫގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފައިބާނެ ކަމަށްވެސް ބުންޏެވެ.

ރައީސް މުއިއްޒު މިރޭ މަނަދޫގައި ވިދާޅުވީ ރައްޔިތުން އެމަނިކުފާނުގެ އަރިހުން އެދުނީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމަށް ކަމަށާއި، އެކަން މިހާރު ދަނީ ހާސިލުވަމުން ކަމަށެވެ. އެހެންވެ، ވާދަވެރިން އެކަމާމެދު ވެސް ޝައްކު އުފައްދަން މަސައްކަތް ކުރާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

”މި ތަނުގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަނީ، ނަމެއްގައޭ. އަޅުގަނޑުމެން ރައްޔިތުންނަށް އޮޅުވާލަނީއޭ، މިކަމުގަ، މިކަހަލަ ވާހަކަ ދައްކަނީ، ނޫން، އަޅުގަނޑުމެން އޮޅުވާލަނީކީ ނޫން، ހަމަ ހަގީގީ މާނައިގައި، ސިފައިން ގެންދަނީ.“ ރައީސް ވިދާޅުވިއެވެ.

ނ.މަނަދޫގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ އަމަލީ މަސައްކަތް ފެށުނީ، ރައީސް ވިދާޅުވި ގޮތުގައި، ވަރަށް ގިނަ މަޝްވަރާތަކެއް ކުރެވިގެންނެވެ. ސިފައިން ފޮނުވާލުމާ ގުޅޭ އެއްބަސްވުމުގައި ވެސް ސޮއި ކުރެވިފައިވާއިރު، އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެއް ބެޗު ފޮނުވާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”މިހާރު، އެ މީހުންގެ ބަދަލުގައި ގެންނަ މަދަނީ މީހުން އައިސް އެ ތިބީ. ދެން ތިބި މީހުންތައް އިތުރު ދެ މަސް ތެރޭގައި އަނބުރާ ގެންދާނެ“

ރައީސް ވިދާޅުވީ ކަންކަން ކުރަން ޖެހޭނީ ވަކި އުސޫލެއްގެ ތެރެއިން ކަމަށާއި، ކަންކަން ހާސިލު ކުރުމަށް ގަދަ ބަދަވިކަން ދައްކައިގެން ލިބޭނެ މޮޅެއް ނެތް ކަމަށެވެ. އަދި ގަދަބަދަވިކަން ދައްކައިގެން މޮޅެއް ލިބޭނެ ކަމަށް ފެންނަ މީހަކު އެގޮތެއް ކިޔައިދޭން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

ަ