ރައްޔިތުން މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ދާއިރާތައް ނުހިމަނާ މަޖިލީހުގެ ޖުމްލަ އަދަދު ގުންނަން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

Ads by Asuru

މަޖިލީހުގެ ބައެއް ގޮނޑިތައް ހުސްވެފައި ވަނީ، ސަރުކާރު ބަދަލުވުމާ ގުޅިގެން ނައިބު ރައީސް ހިމެނޭ ގޮތަށް ސަރުކާރުގެ އެކި މަގާމުތަކާ ހަވާލުވެވަޑައިގެންނެވުމަށްޓަކައި ހަތް މެންބަރަކު  އިސްތިއުފާދެއްވުމުންނެވެ.

އެއާއެކު މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ވަނީ ޖުމުލަ މެންބަރުން ގުނާއިރު އެ ހަތް މެންބަރުން ނުހިމަނާ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފައެވެ.

އެކަމާ ގުޅިގެން އެ އިސްލާހު ބާތިލުކޮށްދޭން އެދި ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މަޖިލީހުން ވަނީ ގަވާއިދަށް ގެނައި ބަދަލުތައް އުނިކޮށް އެހެން މާއްދާއެއްގައި ކުދިކުދި ބަދަލުތަކާއެކު ހިމަނަން ފާސްކޮށްފައެވެ.

އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނީ މަޖިލީހުން އިސްތިއުފާދިން މެންބަރުން ނުހިމެނޭ ގޮތަށް މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނާ އަދަދު 87 އިން 80 އަށް ތިރިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.

އަދި އެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހު މިހާރު ބާތިލުކޮށްފައިވާތީ އެ މައްސަލައިގައި އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.

އެ އިސްލާހުން މަޖިލީހުން ގެނެސްފައިވަނީ ރައީސް އަދި ނައިބު ރައީސް މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ. ގާނޫނު އަސާސީގައިވާ ގޮތުން ރައީސް އަދި ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންކަމުގައިވާއިރު އެއީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް އިންތިހާބުކުރި 87 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓެވެ.