ރައްިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު 80 ކަމަށް ބަލައިގެން، އިންތިހާބުތަކާ ބެހޭ ބިލު ފާސްކުރުމުން އެކަމުގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދޭ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ ނ.ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މަޖިލިސް އިންތިހާބު ފަސްކުރުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައި ބިލު އެންމެ ފުރަތަމަ ތަސްދީގުކުރެއްވުމަށް ފަހު ރައީީސްއަށް ފޮނުއްވުމުން، އަލުން ވިސްނާވަޑައިގަތުމަށް އެދި ރައީސް އަލުން އަނބުރާ މަޖިލީހަށް ފޮނުއްވީ މިމަހުގެ 26ވަނަދުވަހުއެވެ.

މި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ދެވަނަ ފަހަރަށް އެ ބިލު 47 މެމްބަރުންގެ ވޯޓުން ވަނީ ފާސްކޮށްފައެވެ.

ކެނދިކުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ކަނޑައަޅައިގެން ނިންމާ ކޮންމެ ނިންމުމަކީ ޤާނޫނު އަސާސީއާ ހިލާފު ނިންމުމެއްކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމްކުރައްވާފައިވާ ކަމަށެވެ.

އަދި ސުޕްރީމް ކޯޓުން ހުކުމްކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން ތަސްދީގުކުރައްވަން ފޮނުވި ބިލު ފާސްކުރީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު 80ކަމަށް ބަލައިގެން ކަމަށް ވާތީ އެ ނިންމުމުގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަލުން ބިލު ފާސްކުރުމާމެދު ސުވާލު އުފެދުނު ނަމަވެސް، ބިލު ތަސްދީގުކުރެއްވުމަށް ބަންޑާރަ ނައިބު ލަފާދެއްވައިފިނަމަ އެބިލު ތަސްދީގުކުރައްވާނެ ކަމަށެވެ.

”ސުޕްރީމް ކޯޓުން ނިންމި ނިންމުމާ ހިލާފަށް މަޖިލީހުން ބިލު ފާސްކޮށް ފޮނުވި ނަމަވެސް، ތަސްދީގުކުރުމަށް ބަންޑާރަ ނައިބު ލަފާ ދެއްވައިފިނަމަ ވަގުތުން ތަސްދީގު ކުރާނަން.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރޯދަ މަހުގެ ކުރިން މަޖިލިސް އިންތިހާބު ނުބޭއްވުނީ ވެސް، އެކަމަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ހުރަސް އެޅުމުން ކަމަށެވެ.