އިންތިހާބުތަކާ ބެހޭ ޢާއްމު ގާނޫނަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރެއްވުމަށް ދައުލަތުގެ ބަންޑާރަ ނާއިބު ލަފާދެއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު މި ބިލު ތަސްދީގު ކުރައްވައިފިއެވެ.

Ads by Asuru

ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ.ކެނދިކުޅުދޫގައި މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައި އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބިލު ތަސްދީގު ކުރެއްވުމާމެދު ދައުލަތުގެ ބަންޑާރަ ނާއިބުގެ ލަފާފުޅަކަށް އެދިވަޑައިގެންފައިވާކަމަށާ، ބަންޑާރަ ނާއިބު ދެއްވަވާ ލަފާފުޅަކާ އެއްގޮތަށް އަމަލުކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި، ރޯދަމަހު މި އިންތިހާބު ބޭއްވުމަކީ ބޭނުންފުޅުވެވަޑައިގަންނަވާކަމެއް ނޫންކަމަށާ، އިންތިހާބު ރޯދައިގެކުރީން ބޭއްވުމަށް މީގެކުރީންވެސް އެދިވަޑައިގެންފައިވާނެކަމުގައި ވިދާޅުވިއެވެ.

ރައީސް އިއްޔެއާ މިއަދު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައިވެސް، އަބަދުވެސް ގާނޫނުއަސާސީ ނަގަހައްޓަވާނެކަމަށާ، ކޮންމެ ކަމެއްވެސް ކުރައްވާނީ ގާނޫނުއަސާސީއާ ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީންކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ވަނީ ދެއްވައިފައެވެ.