މިހާތަނަށް ރާއްޖޭގައި ގާއިމުކުރާ އެންމެ ބޮޑު ވަގުފު ޕްރޮޖެކްޓް، ހުލުމާލޭގައި ހެދުމަށް ނިންމައިފިއެވެ.

Ads by Asuru

މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު  ފޭސްބުކްގައި ހިއްސާކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، އެއީ ”ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސް“، މަލްޓިޕޯޕަސް ބިލްޑިންއެއް ކަމަށާއި އެ ޕްރޮޖެކްޓް ފަށާނީ ހުޅުމާލޭގައި ކަމަށެވެ.

ރާއްޖޭގައި މިސްކިތު ފަންޑުގެ ވަގުފްގެ މަސައްކަތް ފެށީ 2012 ވަނަ އަހަރު ކަމަށާއި މިސްކިތު ފަންޑު ފެށީ އިސްލާމިކް މަރުކަޒު ކައިރީ ކުޑަ ފޮއްޓެއް ބަހައްޓައިގެން ކަމަށާއ، އެކަން ޓެލެތޯންއަކަށް ބަދަލުވެގެން ފައިސާ ޖަމާކުރަމުން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ އޭގެ ފަހުން ރައްޔިތުންގެ އެހީތެރިކަމާއެކު ފަހުން ވަގުފް ބިލްޑިންއެއް އިމާރާތްކޮށް، އަހަރަކު ހަ މިލިއަން ރުފިޔާ މިސްކިތު ފަންޑަށް ޖަމާވަމުން ދިޔަ ކަމަށެވެ.

އަދި މިހާރު މަސައްކަތް ކުރަމުން ދަނީ ހުރިހާ ސިޓީތަކުގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގައިވެސް އިތުރު ވަގުފު ބިލްޑިންތައް ގާއިމުކުރުމުގެ މަސައްކަތްތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފާއިތުވި 100 ދުވަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރެއިން މުހިންމު އެއް މަސައްކަތް ކަމަށް ޝަހީމް ވިދާޅުވިއެވެ.