ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ ނަމޫނާ ދައްކަވަމުން ކަމަށް ޕީއެންސީގެ ޗެއަރމަން އަދި ރައީސުލްޖުމުހޫރިއްޔާ އޮފީހުގެ މިނިސްޓަރު އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިގޮތަށް ވިދާޅުވީ އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެއަރ އެމްބިއުލާންސް ހިދުމަށް ރާއްޖޭގައި ފެށުމަށް ތައްޔާރުކޮށްފައިވާ ބޯޓުގެ ފޮޓޯ ރައީސް މުއިއްޒު އާއްމު ކުރެއްވުމާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންނަށް ދައްކަވަމުން ގެންދަވާ ނަމޫނާއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އެއަރ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށްޓަކައި މިހާރުވަނީ މިނިސްޓްރީ އޮފް ހެލްތާއި، އެންސްޕާއާއި، އައިލެންޑް އެވިއޭޝަން ސަރވިސްއާއެކު އެއްބަސްވުމެއް އެކުލަވާލާފައެވެ.
މި ހިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުގެ ހިދުމަތުގެ ތަމްރީން ލިބިފައިވާ 15 މުވައްޒަފުން މަސައްކަތްކުރާނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އިމަރޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނޭކަމަށް ހެލްތުން ހާމަކުރެއެވެ.
މިކަމަށް ހާއްސަ 38 މީހުން އުފުލޭ ވަރުގެ އެއަރކްރާފްޓެއް މިހާރު ގެނެސްފައިވާއިރު، މިބޯޓު މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބަލި މީހުން އުފުލުމުގެ ހިދުމަތްދެވޭނެކަމަށް އެމިނިސްޓްރީއިން ބުނެއެވެ.