ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާާތް ކޮށްފައިވާ ދާއިމީ މިސްކިތް އަންނަ ހަފްތާގައި ހުޅުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާ ކުރާ ފަސް މިސްކިތުގެ ތެރެއިން މި މިސްކިތަކީ 1500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ޝަހީމް ވިދާޅުވީ މި މިސްކިތަކީ މިހާރު ފޭސް ދޭއްގައި ބިނާ ކުރަމުންދާ މިސްކިތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް މިސްކިތްކަމަށާއި އަންނަ ހަފްތާގައި މި މިސްކިތް ހުޅުވިގެންދާނެ ކަމަށެވެ.

އަދި ހަމައެއާއެކު މި މިސްކިތުގައި ތަރާވީހު ނަމާދާއި ދަމު ނަމާދުވެސް ކުރާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ދެވަނަ ފިޔަވަހީގެ މިސްކިތްތަކަށް އިމާމުން ހަމަޖައްސާނީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރީތިކޮށް ކިޔަވާ ޢިލްމީ ފަރާތްތައްކަމަށާއި ޚާއްސަކޮށް ޙާފިޒުންނަށް އިސްކަންދެވޭނެކަމަށެވެ.

ވަޒީރު ވިދާޅުވީ މިހާރު ބިނާ ކުރަމުންދާ މިސްކިތްތަކުގެ އިތުރަށް ދާއިމީ އިތުރު މިސްކިތެއް އެޅުމަށް މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށެވެ.

މި މިސްކިތުގެ އިތުރުން ފޭސް 2 ގައި 2800 މީހުންގެ ޖާގައިގެ މިސްކިތަކާއި، 3000 މީހުންގެ ޖާގައިގެ މިސްކިތަކާއި، 1500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 1162 މީހުންގެ ޖާގައިގެ މިސްކިތެއްގެ ޢަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ.