ކުރިއަށް އޮތް ރަމަޟާން މަހަށް ފަހުގައި، ރ.އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރްއައިގެ ހިދުމަތް ފަށާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު ހަލީލު މިހެން ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު މިއްދު އެ ރަށަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ސިއްހީ ހިދުމަތްތައް ހޯދުމުގައި ރާއްޖޭގެ ރައްޔިތުން ވެރިރަށް މާލެއަށް ބަރޯސާވުން ކުޑަ ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލު ތަރައްގީ ކުރުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

”އެއާއެއްކޮށް، އަޅުގަނޑު މި ރަށަށް އައި އިރުވެސް އަޅުގަނޑަށް އިނގޭ، މިތަނަށް އިތުރު ޑޮކްޓަރުން ބޭނުންވޭ، މި ރަށަކީ ވަރަށް ގިނަ ބަޔަކު، ހަމައެކަނި ރ.އަތޮޅަކުން ނޫން، އެހެން ރަށްތަކުންވެސް ސިއްހީ ހިދުމަތް ހޯދުމަށްޓަކައި ބަރޯސާވެފައިވާ ރަށެއް މި ރަށަކީ.“ ހަލީލު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އުނގޫފާރު ހޮސްޕިޓަލުގައި މެޑިކަލް އޮފިސަރުންގެ ގޮތުގައި ތިބީ 10 ޑޮކްޓަރުން ކަމަށާއި، އެއީ އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ. އެ ހޮސްޕިޓަލުގައި އިންސާނީ ވަސީލަތްތައް އިތުރު ކުރެވޭނެ ގޮތްތައް ވެސް ބައްލަވާނެ ކަމަށް ވިދާޅުވެ، ހަލީލު ވަނީ، އުނގޫފާރު ހޮސްޕިޓަލު ތަރައްގީ ކުރާނީ، ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ.