މި އަހަރުގެ މަޖިލިސް އިންތިހާބު ބާއްވާ ދުވަސް އާދިއްތަ ދުވަހަކާ ދިމާވާތީ، އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާނެކަން އިލެކްޝަންސް ކޮމިޝަނަށް އަންގަވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ މިއަދު ރ.ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނަކީ ދޮގު ހަދައި، ކަންކަން އޮޅުވާލާނެ ބޭފުޅެއް ނޫން ކަމަށާއި، ޖަވާބުދާރީ ނުވެވޭނެ އެއްވެސް ކަމެއް ކުރިމަތި ނުކުރެވޭނެ ކަމަށެވެ.

މަޖިލީހުން ފާސްކުރި ބިލާ އެއްގޮތަށް، ރޯދަ މަސް ނިމި، 10 ދުވަސް ފަހުން، އާދިއްތަ ދުވަހެއްގައި މި އަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން އީސީ އިން ނިންމުމުން، އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މަސައްކަތް ފެށީ އެމަނިކުފާނު ބަދުނާމު ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އާދިއްތަ ދުވަހެއްގައި އިންތިހާބު ބާއްވަން ނިންމީ ގިނަ މީހުންނަށް ވޯޓު ނުލެވޭނެ ގޮތް ހަދަން ކަމަށް ބުނެ، އިދިކޮޅުން ދޮގު ތުހުމަތު ކުރި ކަމަށް ރައީސް ވިދާޅުވިއެވެ.

އިންތިހާބު އާދިއްތަ ދުވަހު ބާއްވަން އީސީން ނިންމީ، އެއީ ރޯދަ މަހަށް ފަހުގައި ގާނޫނު ޖާގަ ދޭ އެންމެ އަވަސް ދުވަހަށް ވުމުން ކަމަށް، އީސީން އެމަނިކުފާނަށް މައުލޫމާތު ދިނުމުން، އެ ދުވަހަކީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅުއްވާނެ ވާހަކަ އޭރު ވެސް ދަންނަވާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.

މި އިންތިހާބު ކުރިން ބާއްވަން އުޅުނީ މި މަހުގެ 17ގައެވެ. ނަމަވެސް އެ ތާރީހުގައި އިންތިހާބު ބާއްވަން ހުރަހަކަށްވީ، ރޯދަ މަހު އިންތިހާބު ނުބޭއްވޭ ގޮތަށް، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ބިލެއް ފާސް ކުރުމުންނެވެ.

ރައީީީސް ކުރިން ވިދާޅުވީ، މަޖިލިސް އިންތިހާބު ރޯދަ މަހެއްގައި ބާއްވަން އެމަނިކުފާނުވެސް ބޭނުންފުޅުވެނުލައްވާ ކަމަށާއި، ނަމަވެސް ރޯދައިގެ ކުރިން އިންތިހާބު ބާއްވަން މަޖިލީހުން ގާނޫނު ފާސްކޮށް ނުދިން ކަމަށެވެ. އަދި އެގޮތަށް އެކަން ކުރީ، އަޑި ނޭނގޭ ސަބަބެއް އޮވެގެން ކަމަށް ވެސް ރައީީސް ވިދާޅުވިއެވެ.