މިހާރު ކުރިމަތިވެފައިވާ ދަތި އުނދަގޫ ހާލަތުން އަރައިގަތުމަށްޓަކައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް މި ފާއިތުވި 15 ހަފްތާގައި ހާސިލު ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ ރ.އިނގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މީގެ ކުރިން ވެސް ވަނީ ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރާ ކަންކަން ބައިނަލްއަގްވާމީ އިދާރާތަކުން ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު(އައިއެމްއެފް)އިން ރާއްޖެއަށް ކުރި ޒިޔާރަތަށްފަހުގައި، ވަފުދުން ހޯދި ހޯދުންތަކަށް ރިއާޔަތްކޮށް ނެރުނު ބަޔާނުގައި ވަނީ ސަރުކާރުގެ އިސްލާހީ ފިޔަވަޅުތަކަށް މަރުހަބާ ކިޔައި ފިޔަވަޅުތައް ތަންފީޒުކުރުން އަވަސްކުރުމަށް ގޮވާލާފައެވެ.

އިނގުރައިދޫގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވެސް، ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

 

”މިކަން އިންޓަރނޭޝަނަލް، ކަމާ ގުޅޭ ހުރިހާ ފަރާާތްތަކުން ވެސް އެ ދަނީ ފާހަގަކުރަމުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި އޭގެ ފޮނިމީރުކަން އަޅުގަނޑުމެންނަށް ފެނިގެންދާނެ.“ އެމަނިކުފާނު ވިދާޅުވިއެވެ.

އިގްތިސާދު ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަން ރައީީސް މުއިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ގެންދެވެން އޮތް އެންމެ ކުރިއަކަށް ގެންދިޔުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ޓޫރިޒަމް ކުރިއެރުވުމުގެ ތެރެއިން، ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް އެއާޕޯޓުތައް އިތުރު ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.