ބ.އޭދަފުށީގައި އިތުރަށް ބިން ހިއްކެން ނެތްކަމަށާއި، އެހެންކަމުން ބިމުގެ މައްސަލައަށް އޮތް ހައްލަކީ އިތުރު ރަށެއް ހޯދުންކަމުގައި ފާހަގަކުރައްވައި، އޭދަފުށިގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖައްސާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.

Ads by Asuru

އަދި މި ހަފުތާތެރޭގައި އެކަމުގެ ލިޔެކިޔުން ކައުންސިލާ ހަވާލު ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ މިރޭ އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭދަފުށީގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އެރަށަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މާލެ ސަރަހައްދު ފިޔަވައި، ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުގައި، އެޅުމަށް ކަނޑައަޅާފައިވާ 40,000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ތެރެއިން އެންމެ އިސްކަންދޭ އެއް ރަށްކަމުގައި އޭދަފުށި ހައްދަވާނެކަމަށެވެ.

މީގެ އިތުރުން ސަރުކާރުން ތަރައްގީ ކުރާ ހަތް އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރަކީ ބ އަތޮޅު އޭދަފުށި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އެހެންކަމުން އޭދަފުށީގެ ތަރައްގީގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.