ކައުންސިލްތަކުގެ ބާރު ކަނޑުވާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް، އެމްޑީޕީން ދެއްކި ވާހަކައަށް ސިޓީސް، ލޯކަލް ގަވަމެންޓް، ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ރައްދު ދެއްވައިފިއެވެ.

Ads by Asuru

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ މެމްބަރުން ހިމެނޭ ނ. ކެނދިކުޅުދޫ ކައުންސިލުން ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެ ރަށަށް ރަށަށް ދަތުރުފުޅު ކުރެއްވީ ކެމްޕެއިން ކުރެއްވުމަށް ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނާ ގުޅިގެން ލޯކަލްސް ގަވަމެންޓް އޮތޯރިޓީ (އެލްޖޭއޭ) އިން ވަނީ އެ ބަޔާން ބާތިލު ކުރުމަށް އަންގާފައެވެ.

މިކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ކައުންސިލުތަކާ ބެހޭ ވުޒާރާއެއް އުފައްދަވާކަމަށް އިއުލާނުކުރުމާ ހިސާބުންވެސް އެ ޕާޓީން ފާޅުކުރި ކަންބޮޑުވުމަކީ އެމަނިކުފާނުގެ އެ ނިންމެވުމަކީ ކައުންސިލްތަކަށް ނުފޫޒު ފޯރުވާ  ކައުންސިލްތަކަށް އެ ޕާޓީގެ ސަރުކާރުން ދިން ގާނޫނީ ބާރުވެރިކަން ކަނޑުވާލުމަށްޓަކައި ކުރެއްވި ކަމެއްގެ ގޮތުގައި ކަމަށެވެ. އަދި ”އެޓޯލްސް މިނިސްޓްރީ“ އުވާލަން ވެސް ގޮވާލިއެވެ.

މި ބަޔާނަށް ރައްދު ދެއްވައި މިނިސްޓަރު އާދަމް ޝަރީފު އުމަރު ފާހަގަކުރެއްވީ މި ސަރުކާރުން ފަޅު ރަށްތައް ދީގެން، ކައުންސިލުތަކަށް މާލީ ބާރުވެރިކަން ދޭން ފެށިކަމާއި، 50 ކައުންސިލު އިދާރާ އިމާރާތް ކުރުމުގެ މަސައްކަތް ވެސް ފަށާފައިވާކަން ފާހަގަކުރައްވާފައެވެ

މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ގާނޫނު ބުނާ ފަދައިން، މުނިސިޕަލް ހިދުމަތްތަކަކީ ކައުންސިލުން ދޭ ހިދުމަތެއްގެ ގޮތުގައި ތަންފީޒު ކުރަން ފެށީ ވެސް ރައީީސް މުއިއްޒުގެ ސަރުކާރުންނެވެ.

”މާލީ ބާރުވެރިކަމާއި ތަމްރީންގެ ފުރުސަތުތައް ފަހިކޮށް، ހުރިހާ މާނައެއްގައި ކައުންސިލުތައް ބާރުވެރި ކުރުވާނީ، ރައީީސް މުއިއްޒުގެ ސަރުކާރުން.“ މިނިސްޓަރު ވިދާޅުވިއެވެ.

އާދަމް ޝަރީފު އިތުރަށް ވިދާޅުވީ ކައުންސިލުތަކުގެ އެކައުންޓުގައި ހުންނަ ފައިސާ މަރުކަޒީ ސަރުކާރަކުން ނުނަގާނެ ކަމަށާއި، ކޮންމެ ފިކުރެއްގެ ކައުންސިލަކާއިއެކުގައި ވެސް، އެންމެ ފުރިހަމަ މާނައިގައި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.