ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ފެނަކައިގައި 4.3 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މުއާޒު މިހެން ވިދާޅުވީ، ބ.ކެންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އަދި ކޮންމެ މަހަކު މުސާރައަށް 86 މިލިއަން ރުފިޔާ ހޭދަ ކުރަންޖެހޭ ކަމަށް މުއާޒު ވިދާޅުވިއެވެ. އެވަރުގެ އަދަދެއް ހޭދަ ކުރަންޖެހޭއިރު، ފެނަކައަށް އާމްދަނީގެ ގޮތުގައި ލިބެނީ 120 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.

”މިއީ އަޅުގަނޑުމެން ހަވާލުވީއިރު، ހާލަތު އޮތް ގޮތުގެ ވާހަކަ މި ދަންނަވަނީ، 8000 މުވައްޒަފުން ތިބި، އަޅުގަނޑުމެން ހަވާލުވީއިރުގަ، ހަގީގަތަކީ ހަމަ ބަނގުރޫޓުވެފައި ތިބީ.“ މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ވަނީ ފެނަކައިގެ ހާލަތު ދަށަށް ވައްޓާލައި، އެ ކުންފުނި ”ރޭޕް“ ކޮށްފައި ކަމަށެވެ.

ފެނަކައިން ރާއްޖޭގެ އެކި ހިސާބުތަކުގައި 502 ޖެންސެޓް ބޭނުންކުރާކަން ފާހަގަކުރައްވައި މުއާޒު ވިދާޅުވީ، އޭގެތެރެއިން 302 ޖެންސެޓް ޓޮޕް އޯވަރހޯލްނުކޮށްގެން، އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ. ގިނަ ރަށްރަށުގެ އިންޖީނުގޭގެ ހާލަތު ހުރީ މިހެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުއާޒު އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން ޖެންސެޓްތަކުގެ މަރާމާތަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ މެއިންޓެނެންސްގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާއިރު، ކުރީ ސަރުކާރުން، ކޮންމެ އަހަރަކު މެއިންޓެނެންސްގެ ނަމުގައި 100 މިލިއަން ރުފިޔާ ހަރަދު ކުރިކަން ހިސާބުތަކުން އެނގެން ހުރި ކަމަށެވެ.